ޚަބަރު

މަސައްކަތްތެރިން އިމްތިޙާނު ކުރުމުގެ ފުރުސަތު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް


ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕޮރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެއްބަސްވުމެއްގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވި ހަފްލާގައެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ވަނީ ޓްރޭޑް ޓެސްޓިންގ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. މިއާއެކު، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ވެގެން ގޮސްފައިވަނީ ފުރަތަމަ ޕްރައިވެޓް ޓްރޭޑް ޓެސްޓިންގް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިން ފަރާތަށެވެ.

އެންމެ ފުރަތަމަ ޓްރޭޑް ޓެސްޓިންގް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިޓެކްނިކެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުން ދަނީ ޓްރޭޑް ޓެސްޓިންގެ ޕްރޮގަރާމްތައް ކުރިއަށް ގެންދަމުންނެވެ.

ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސަރޓިފިކޭޝަން އަކީ ޓިވެޓް ނިޒާމުގެ ތެރެއިން ފަންނީ މަސައްކަތުގައި ދެމިތިބޭ މީހުންނަށް، ސަނަދު ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 13 ޖުލައި 2021ގައި ގެޒެޓް ކުރެވިފައިވާ ޤަވާޢިދެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ މީހުންނަށް، އެ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ކަނޑައަޅާ އެންމެހައި ހުނަރުތައް ހާސިލުވެފައިވާކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދޭ ސެޓްފިކެޓަކީ އެމްއެންކިއުއޭ ޤަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމަކީ ވަކި އުމުރެއް އަދި ޖިންސަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި ވަޒީފާއެއްގައި މެދުނުކެނޑި 5 އަހަރުދުވަސްވަންދެން މަސައްކަތްކޮށްފައިވާ މީހުންނަށް އިމްތިހާންގައި ބައިވެރިވެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.