ޚަބަރު

އެއަރ އޭޝިއާ : ކުންފުނީގެ ނަން ބަދަލުކުރިޔަސް، އެއަރލައިނުގެ ނަން ބަދަލެއް ނުކުރާނެ


އެއަރ އޭޝިއާ ކުންފުނީގެ ނަން، "ކެޕިޓަލް އޭ" އަށް ބަދަލުކުރީ، އެއަރލައިންގެ ބޭރުން އެހެނިހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމަށް ވިސްނައިގެންކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެއަރ އޭޝިއާގެ ނަން ބަދަލުކުރުމަށް ނިންމާފައިވާކަން މިމަހުގެ ކުރީކޮޅު އެ ކުންފުނިން ހާމަކޮށްފައިވާއިރު، މިހާރު ރަސްމީކޮށް ކުންފުނީގެ ނަން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ބައިނަލްއަޤްވާމީގޮތުން މަޝްހޫރުކަން ހޯދާފައިވާ އެ ކުންފުނީގެ އެއަރލައިނުގެ ބްރޭންޑަށް ބަދަލެއް ނުގެނެސް، އެއަރލައިނުގެ ނަން "އެއަރ އޭޝިއާ"ގެ ގޮތުގައި ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކޯވިޑް-19ގެ ޙާލަތުގައި ކުރީގެ އެއަރ އޭޝިއާ އަދި މިހާރުގެ ކެޕިޓަލް އޭ ގެ ވިޔަފާރިއަށް ގެނައި ތަފާތު ބަދަލުތަކާއެކު، ކުންފުނީގެ މިހާރުގެ ވިސްނުންހުރީ އެއަރކްރާފްޓް އިންޖިނިއަރިންގ އާއި، ތަޢުލީމީ ދާއިރާއާގުޅޭ މަސައްކަތްތަކާއި، ވިޔަފާރިއަށް ޚާއްޞަ މޮބައިލް ޕޭމެންޓް އެޕްލިކޭޝަންތައް ތައްޔާރުކުރުން ހިމެނޭހެން، ވައިގެ ދަތުރުތަކުގެ ބޭރުން އެކި ދާއިރާތަކުން ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށެވެ.

ކުންފުނީގެ ނަން "ކެޕިޓަލް އޭ" އަށް ބަދަލުކުރިކަން އިޢުލާންކުރައްވަމުންް، ކުންފުނީގެ ސީ.އީ.އޯ ޓޯނީ ފެނާންޑެޒް ވިދާޅުވީ، ޢަމާޒަކީ ދަތުރުކުރުމާއި، ލައިފްސްޓައިލާ ގުޅޭ ޚިދުމަތްތައް، އެއްތަނަކުން ޑިޖިޓަލްކޮށް ފޯރުކޮށްދޭ ބަޔަކަށްވުން ކަމަށެވެ. އަދި އެ ކުންފުންޏަކީ އެއަރލައިނަކަށްވުރެ ފުޅާ ވިޔަފާރިއެއްކަމަށާއި، އާ ފެށުމަކުން މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕިޓަލް އޭ ގެ މާލީ ޙާލަތަށްބަލައި، ޖަނަވަރީމަހުގެ ކުރީކޮޅު މެލޭޝިއާގެ ސްޓޮކް އެސްޗޭންޖުން ވަނީ މި ކުންފުންޏަކީ ދަރަނި ނުދެއްކޭނެ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ކޯވިޑާ ގުޅިގެން ވައިގެ ދަތުރުތައް މަޑުޖެހުމުގެ ސަބަބުން މި ކުންފުންޏަށް ބޮޑު ޢަދަދަކުން ގެއްލުންވެފައިވެއެވެ. މިއަހަރުވެސް އެ ކުންފުންޏަށް 263 މިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ނަމަވެސް ސީ.އީ.އޯ ފެރެނާންޑެޒް ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ކުއާާޓަރުގައި އެއަރ އޭޝިއާއިން ދަތުރުކުރާ މުހިއްމު މަންޒިލުތަކުން 80 އިންސައްތަ ކެޕޭސިޓީ ލިބިފައިވާކަމަށެވެ. އަދި މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ޢާއްމު ކެޕޭސިޓީގައި ބައިނަލްއަޤްވާމީ ދަތުރުތައް ކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕިޓަލް އޭ އިން މަސައްކަތްކުރަމުންދަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެއަރލައިންގެ ބޭރުން، އެހެނިހެން ވިޔަފާރިތަކުން، ކުންފުނީގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ފައިދާ ނެރުމަށެވެ.