ވިޔަފާރި

ލަންކާގެ ކުންފުންޏަކުން ރާއްޖޭގައި 2 ރިސޯޓް ތަރައްޤީކުރަނީ


ސްރީލަންކާގެ ސާންކަން އޯވަރސީސް އިން ރާއްޖޭގައި 2 ރިސޯޓް އަދި މާލޭގައި ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސާންކެން އޯވަސީސްގެ ސީ.އީ.އޯ ބީ.ބީ. ކަލުޕަނާއާއި ހަވާލާދީ ސްރީލަންކާ ޑެއިލީ ނިއުސް ވެބްސައިޓުގައި ވާގޮތުން ހުވަދުއަތޮޅު ދެކުނުބުރީ ހަވޮއްޑާގައި ތަރައްގީކުރާ ރިސޯޓް މިމަހުގެ 14 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި ރާއްޖޭގައި އިތުރު ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ރަށެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މާލޭގައި ތަރައްޤީކުރާ ހޮޓަލުގެ މަސައްކަތް ފެބްރުއަރީ މަސް ތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހޮޓަލަކީ 88 ކޮޓަރީގެ ހޮޓަލެއް ކަމަށް ސާންކެން އޯވަސީސް އިން ބުނެއެވެ.

ތައިލެންޑްގެ 'އޮނިކްސް' ހޮސްޕިޓަލިޓީ ގުރޫޕުން މެނޭޖްކުރުމަށް ހަމަޖެހިފައިވާ އަމާރީ ހަވޮއްޑާ މޯލްޑިވްސް އަކީ އެއް އަހަރު ދުވަސްތެރޭ ތަރައްޤީކޮށްފައިވާ ރިސޯޓެއް، 120 ކޮޓަރީގެ މި ރިސޯޓްގައި އެއްގަމުގައި 60 ވިލާ ހުންނައިރު، މޫދުގައިވެސް 60 ވިލާ ހުންނާނެއެވެ.