ބ.ފުޅަދޫގައި ސަރުކާރުން ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށް މިއޮތް ދެމަސްތެރޭ ނިމޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ރަށުގެ ހުރިހާކަމެއް ގުޅިފައިވާ މި ބަނދަރުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީ އާ ހަވާލާދީ އެރަށު ކައުންސިލްގެ ރައީސް އަލީ އަޒްހަރު ވިދާޅުވީ ބަނދަރުގެ މަސައްކަތް ދާ ސްޕީޑަށް ބަލާނަމަ ކުރިއަށް މިއޮތް ދެމަސްތެރޭ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ލަފާ ފުރޭނެ ރައްކާތެރި ފަސޭހަ ގޮތެއްނެތިފައި ތިބި ފުޅަދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ވާން މާގިނަދުވަހެއްނެތެވެ. ބަނދަރުގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް އެބަނދަރުގެ ބޭނުން މިހާރު އެރަށު ރައްޔިތުން ދަނީ ކުރަމުންނެވެ. ބަނދަރެއް ނެތް ދުވަސް މަޑުމަޑުން އެމީހުންގެ ހަދާނުން ފިލައިގެންދާ ކަމަށް އެރަށު މީހުން ބުނެއެވެ.
ބަނދަރަކީ އެމީހުންނަށް ސަރުކާރުން ދެއްވި އެންމެ އަގުހުރި ހަދިޔާ ކަމަށާއި ބަނދަރެއް ނެތުމުގެ ސަބަބުން ވިއްސާރަވެ ވައިގަދަވާ ދުވަސްތަކުގައި އޮޑިދޯނިފަހަރު ބަލަހައްޓަން ހޭލާ ތިބެންޖެހޭ ޖެހުނު ޒަމާން މިހާރު މާޒީވެ ގޮސްފައިވާ ކަމަށް އެރަށު ރައްޔިތުން މިހާރު ބުނެއެވެ.
ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ މި ސަރުކާރުން އެރަށުގައި ބަދަރެއް ހަދަން އެމްޓީސީސީ އާ ހަވާލު ކުރީ 2019 ވަނަ އަހަރުގެތެރޭގައެވެ. ބަނދަރުގެ މަސައްކަތް 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާ ހަވާލުކުރި ނަމަވެސް އެކަންނުވީ ކޯވިޑްގެ ބަލިމަޑުކަމާގުޅިގެންނެވެ. އެހެން ނަމަވެސް ބަނދަރުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދިއުމަކީ އެރަށު ރައްޔިތުން އުފަލާއެކީ ބަލައިގަތްކަމެކެވެ.
މި ބަނދަރުގެ މަސައްކަތް މިއަހަރުގެ މާޗް މަހަށް ނިންމުމަށް އެކުންފުނިން އަމާޒު ހިފާފައިވާއިރު، މިހާރު ކުރަމުންދަނީ ބަނދަރަށް އަރާ ފޭބުމަށް ހަދާ ބްރިޖްގެ ދަށުން ފެންދައުރު ކުރާގޮތަށް އެތަން ފުންކުރުމާއި ބަނދަރުގެ ބޭރުން އަޅާފައި އޮތް ވެލިތައް ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާ އެސަރަހައްދުގައި ދުވާރުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ބަނދަރު ވަކިކުރުމަށް ޖަހާ ޖީއޯ ބޭގްގެ ރިވެޓްމަންޓްވެސް ވަނީ ހަދާ ނިމިފައި ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ އަޒްހަރު ވިދާޅުވިއެވެ.
އަތޮޅާ އެކަހެރިކޮށް އޮންނަ ފުޅަދޫއާއި ފެހެންދޫގައި ހަދާ ބަނދަރަކީ އެއްގޮތަކަށް ހަދާ ދެބަނދަރެވެ. ރަށުގެ ގޮނޑުދޮށް ނުގެއްލޭނެހެން ރަށާ 100 ފޫޓް ބޭރުގައި ހަދާ މި ދެބަނދަރަކީ މިދެރަށުގެ ވެސް ތަރައްޤީގެ މައި ނާރެހެވެ. މިއީ އަމިއްލަ ރަށުން ފުރައިގެންދާން ބޭނުންވެފައި ތިބި މި ދެރަށުގެ ރައްޔިތުންވެސް ކުރަމުންއައި އެންމެ ބޮޑު އުންމީދެވެ.