ޚަބަރު

ޗައިނާއިން ރެއަރ އާރތް މަޢުދަން ނަގާ މިންވަރު %20 އިތުރުކޮށްފި


ބިމުގެ އަޑިން ނަގާ ރެއައ އާރތް މަޢުދަނުގެ މިއަހަރުގެ ފުރަތަމަ ބެޗަށް ޗައިނާއިން ކަނޑައަޅާފައިވާ ކޯޓާ، މިދިޔަ އަހަރަށްވުރެ 20 އިންސައްތަ އިތުރުކޮށްފިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެއަރ އާރތް މަޢުދަނުގެ ފުރަތަމަ ބެޗަށް ކަނޑައަޅާފައިވާ ކޯޓާއަކީ 100،800 ޓަން ކަމަށެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 20 އިންސައްތަ އިތުރު ޢަދަދެކެވެ.

މީގެ އިތުރުން މަޢުދަން ސާފުކޮށް، ވަކިކުރުމަށް 97،200 ޓަނުގެ ކޯޓާއެއް ކަނޑައަޅާފައިވެއެވެ. މިއީވެސް މިދިޔަ އަހަރާ އަޅާބަލާއިރު 20 އިންސައްތަ އިތުރު ޢަދަދެކެވެ.

ޗައިނާ ސަރުކާރުން، އެޤައުމުގެ ބިމުގެ އަޑިން ނަގާ މަޢުދަނަށް ކަނޑައަޅާފައިވާ ކޯޓާ ބެހިގެންދާނީ އެޤައުމުގައި މި މަޢުދަން ނެގުމުގެ މަސައްކަތްކުރާ މައިގަނޑު 4 ކުންފުންޏެއްގެ މެދުގައެވެ.

ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ރެއަރ އާރތް މަޢުދަން ނަގާ ޤައުމަކީ ޗައިނާއެވެ. 17 ވައްތަރެއްގެ ދަގަނޑުގެ މާއްދާ އެކުލެވޭ މި މަޢުދަނުގެ ގާތްގަނޑަކަށް 85 އިންސައްތަ ޙިއްސާކުރަނީ ޗައިނާކަމަށް ދިރާސާ ރިޕޯޓުތައް ބުނެއެވެ.

އުފެއްދުންތެރިކަމުގެ ބާޒާރުގައި މި މަޢުދަން ބޭނުންކުރަނީ އެކި ކަހަލަ އިލެކްޓްރޯނިކް ސާމާނާއި، ސަލާމަތީ ބާރުތަކުން ގެންގުޅޭ މިލިޓަރީ އިކުއިޕްމަންޓް ތައްޔާރުކުރުމުގައެވެ.