ރިޕޯޓް

މޮޅަދޫގެ އައު ބަނދަރާއެކު އުމްރާނީގޮތުން ރަށަށް ބޮޑެތި ކުރިއެރުން ތަކެއް



ހއ އަތޮޅުން މޮޅަދޫ އަކީ ވަރަށް ފަހަކާ ޖެހެންދެންވެސް ބަނދަރެއް ނެތި ލަފާ ފުރުމުގައި ބޮޑެތި ތަކްލީފް ތަކެއް އުފުލަމުންދިޔަ ރައްޔިތުން ތަކެއް ދިރިއުޅެމުންއާ ރަށެކެވެ. އަދި މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އުތުރުގެ ރަށްތަކުގެ ތެރެއިން ހއ މޮޅަދޫއަކީ ލަފާފުރުމަށް އެއަތޮޅުން ހަމައެކަނި ބަނދަރެއް ހެދިފައި ނެތް ރަށްވެސްމެއެވެ. އެހެންކަމުން މި ސަރުކާރުން އެންމެ ބޮޑު އަމާޒަކަށް ވީ އެރަށުގައި ބަނދަރެއް ހަދާދިނުމެވެ. އެގޮތުން ސަރުކާރުގެ ފުރަތަަ އަހަރުގެ ތެރޭގައި ވަނީ އެރަށުގައި ބަނދަރު ހެދުމުގެ މަޝްރޫއު ފައްޓަވައި ދެއްވާފައެވެ.

މޮޅަދޫ ރައްޔިތުން އަބަދުވެސް އެންމެ އުއްމީދު ކުރަމުން އައި އަދި ދެކެން ބޭނުންވާ ދުވަހަކީ އެރަށުގެ ރައްޔިތުންނަށް ލަފާފުރުމަށްޓަކައި ޒަމާނީ ފެންވަރުގެ ބަނދަރެއް ލިބިގެން ދިއުމެވެ.

މީގެ ކުރިން މޮޅަދޫ ރައްޔިތުންނަށް ލަފާފުރުން ވަނީ ބޮޑު ތަކްލީފަކަށްވެފައެވެ. މޮޅަދޫ ރައްޔިތުން އަތޮޅު ފެރީގައި ދަތުރުކުރަން ބޭނުންނަމަ ފެރީއަށް އަރަންޖެހެނީ ބޮއްކުރާ ފަހަރުގައި ކަނޑަށް ނިކުމެގެންނެވެ. އަދި ފެރީ އާއި ނާލު ބޯޓުފަހަރުގައި ގެންނަ މުދާވެސް ބާލަންޖެހެނީ، ކުދި ޑިންގީއާއި ބޮއްކުރާ ފަހަރަށް އަރުވައިގެންނެވެ. މިހެން މިކަން ކުރުމުގެ ތެރޭގައި ވަރަށް ހިތާމަވެރި ހާދިސާތައް ހިގާފައިވާ ކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު ވިދާޅުވީ މޮޅަދޫ އައު ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށެވެ. މިހާރު ކުރިޔަށް ދަނީ ބަނދަރުގެ އުތުރު ފަރާތުގައި ކީވޯލް ޖެހުމުގެ މަސައްކަތާއި ބަނދަރުގެ ވެލިގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ސިނާދުވަނީ ވަނީ ބުނެފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު ވިދާޅުވީ އެރަށުގައި މިހާރު ކުރިޔަށް ދާ ބަނދަރު މަޝްރޫޢާއެކު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މި ބަނދަރު ވެގެންދާނީ އެރަށަށް އުމްރާނީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް ތަރައްގީއަށް ހުޅުވިގެންދާ ދޮރެއް ކަމަށާއި ފަތުރުވެރިކަންވެސް އެރަށުގައި ފުޅާވެގެންދާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރަށުގައި ފަނޑުވަމުންދާ މަސްވެރިކަމަށްވެސް އާރޯކަމެއް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މޮޅަދޫގައި ތަރައްގީ ކުރަމުން ދަނީ 650 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. މޮޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި 70 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 20 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 20 ބަނދަރު ބައްތިއާއި ރޭންޕަކާއި 600 ސްކުއެއަރ މީޓަރގެ ޕޭވްމަންޓެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ޙަވާލުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ދުވަހުއެވެ.