ޚަބަރު

އާސެނަލްގެ ޗެމްބަރސް އެސްޓަން ވިލާއަށް ސޮއިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއަށް ކުޅެމުންދިޔަ ކެލުމް ޗޭމްބަރސް އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެމްބަރސް ވިލާއަށް ސޮއިކޮށްފައިވަނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 27 އަހަރުގެ ޗެމްބަރސް މިސީޒަންގައި އާސެނަލްއަށް ކުޅެފައިވަނީ 5 ފަހަރުއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު އޭނާގެ އެގްރީމަންޓް ހަމަވެފައިވުމުން އޭނާ ވިލާއަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

ވިލާގެ ކޯޗް ކަމާއި ސްޓީވެން ޖެރާޑް ހަވާލުވިފަހުން އެޓީމުން އަންނަނީ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް މިފަހަރުގެ ޓްރާންސްފަރ ވިންޑޯގައި ގަންނަމުންނެވެ. އެގޮތުން ލޯން އެއްބަސްވުމެއްގެ ދަށުން ފިލީޕޭ ކޯޓީނިއޯ ބާސެލޯނާއިން ގެނެސްފައިވާއިރު ރޮބިން އޯލްސަންވެސްވަނީ ރޯމާއިން ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފައެވެ. އަދި އެވަޓަންގެ ލޫކަސް ޑީންވެސް ވަނީ އެކްލަބަށް ގެނެސްފައެވެ.

ޗެމްބަރސް ހާމަކުރިގޮތުގައި ވިލާއަކީ ބޮޑު ކްލަބެއް ކަމަށާއި އެހެންކަމުން އޭނާއަށް މިކަމާއި މެދު މާބޮޑަށް ވިސްނާކަށް ނުޖެހުނު ކަމަށެވެ. އަދި މިވަގުތު ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކަމުންދާ އެއް ޓީމަކީ ވިލާކަމުން މިވަގުތު ހުރުން އެންމެ ރަނގަޅު ތަނަކީ މިއީ ކަމުގައި ގަބޫލް ކުރެވޭ ކަމަށްވެސް އޭނާ ހާމަކުރިއެެވެ. އަދި ޖެރާޑް އާއި އެކު މަސައްކަތް ކޮށްލަން ކެތް މަދުވެފައިވާކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.