ޚަބަރު

ފައިޒަރ ވެކްސިންގެ އިތުރު 2 ލައްކައަށްވުރެ ގިނަ ޑޯޒް އެމެރިކާއިން ރާއްޖެއަށް ދީފި


އެމެރިކާއިން ރާއްޖެއަށް އިތުރު 210،600 ޑޯޒްގެ ފައިޒަރ ވެކްސިން ފޯރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް އިތުރަށް ފޯރުކޮށްދިން މި ވެކްސިންއަކީ ކޯވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ދެމުންދާ އެއްބާރުލުމުގެ ތެރެއިން ދިން ވެކްސިން ކަމަށެވެ. އަދި ކޮވެކްސްއާއި ޔުނިސެފް ފަދަ ފަރާތްތަކާއި ގުޅިގެން އެމެރިކާއިން މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށާއި، ވަކިން ޚާއްސަކޮށް އޭޝިއާ ބައްރުގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެފައިވާ ދަނޑިވަޅުގައި މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އެމެރިކާ އެމްބަސީން ވިދާޅުވެއެވެ.

މި ބަލިމަޑުކަން ފެށުނީންސުރެ އެމެރިކާއިން ދަނީ ރާއްޖެއާއެކު ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެމެރިކާއިން ވަނީ ގާތްގަނޑަކަށް 440,000 ޑޯޒް ފައިޒާ ވެކްސިނާއި، 7 މިލިއަން އެމެރިކާ ޑޮލަރުގެ އިމަރޖެންސީ ސަޕްލައިއާއި، ތަމްރީނާއި، އެންމެ ބޭނުންޖެހިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދީފައެވެ. އަދި ތަކެތީގެ އެހީގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތަށް 60 ވެންޓިލޭޓަރާއި 100,000 ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓްވަނީ ފޯރުކޮށްދީފައެވެ.

އަދި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށްވެސް ވަނީ އެހީތެރިވެދީފައެވެ. މިގޮތުން ކޯވިޑުން ރައްކާތެރިވުމަށް ހޭލުންތެރިކަމުގެ ކެމްޕޭން ހިންގުން ހިމެނެއެވެ. މީގެއިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގެ އިގްތިސާދު އިއާދަކުރުމަށް ދިވެހި ސަރުކާރަށް ފަންނީ އެހީވެސް ފޯރުކޮށްދީފައިވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް 1.2 ބިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 286 މިލިއަން ވެކްސިން ވަނީ ފޯރުކޮށްދީފައެވެ. މިފަހުން އިއުލާނުކޮށްފައިވާ ގްލޯބަލް ވެކްސިން އެކްސެސް (ގްލޯބަލް ވެކްސް) ގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް 1.6 ބިލިއަން ޑޮލަރު އެމެރިކާއިން ވަނީ ހަމަޖައްސާފައެވެ.