ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް އަންނަ ޖުލައިމަހަށް ނިންމަނީ


ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް އަންނަ މިނިވަންދުވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

އެމްޓީސީސީން މީގެކުރިން މަސައްކަތްކޮށްފައިވަނީ މިއެއަރޕޯޓް މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމުމަށް ނަމަވެސް ރާއްޖެއިން ބޭރުން ގެންންޖެހޭ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މަސައްކަތް ލަސްވެފައިވާކަން އެކުންފުނިން ފާހަގަކުރައްވައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީމަހު ފަށާފައިވާއިރު މިމަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ އެމްޓީސީސީންނެވެ. މިދިޔަ އަހަރުތެރޭ މަސައްކަތް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. މިއާއެކު އެމްޓީސީސީއިން މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް މިއެއަރޕޯޓް ރަސްމީކޮށް ބޭނުންކުރެވޭ ގޮތްހެދުމެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ނިމިފައިވާ މިންވަރާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ނިންމާ ޙަވާލުކުރާނީ ރަސްމީކޮށް ޝެޑިއުލްޑް ފްލައިޓު ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިކަމަށެވެ. މިހާރު އެއަރޕޯޓްގެ އޭބީސީ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. އަދި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ޓަރމިނަލްގެ މަސައްކަތާއި ފަޔަރ ބިލްޑިންގެ މަސައްކަތެވެ.

"ޓަރމިނަލްގެ މަސައްކަތާއި ފަޔަރް ބިލްޑިންގެ މަސައްކަތް މެއި މަހާއި ހިސާބަށް އެއްކޮށް ނިންމާލުމަށް ގަސްތުކޮށްފައި މިހާރު އޮތީ. ރަންވޭގެ މަސައްކަތް އޭޕްރީލް މަހު ނިމޭނެކަމަށް މިބަލަނީ. އަދި ފަރެސްމާތޮޑާއާއި އެއަރޕޯޓާއި ގުޅާކާ ކޯޒްވޭގެ މަސައްކަތް ޖޫން ޖުލައިގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ، އެހެންކަމުން ޖުލައިން ސައްބީހަށް މިއެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް މިބަލަނީ." އާދަމް އާޒިމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ހިމެނޭ ސަރަޙައްދުގެ ކުދި ފަޅުރަށްތަކާއެކު ޖުމްލަ 19.9 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ މިމަޝްރޫޢުއަށްޓަކައި ހިއްކާފައެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ ފަރެސްމާތޮޑާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ތަރައްޤީކުރާ އެއަރޕޯޓެކެވެ. ބަޖެޓުން 144.8 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މިމަޝްރޫޢަކީ ފަރެސްމާތޮޑާ ރައްޔިތުންނާއި އެސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ އެއަރޕޯޓެކެވެ. މިއެއަޕޯޓާއެކު އެރަށާއި އެންމެ ގާތުގައިވާ ކާޑެއްދޫ އެއަރޕޯޓަށް ދިޔުމަށް މީގެކުރިން ކުރި ޚަރަދު ސަލާމަތްވުމަކީ އެރަށު ރައްޔިތުން އެދުމެކެވެ.