ޚަބަރު

"މިސްކް"ގެ އައު ކޭސްތަކެއް ފެނިއްޖެ


ކޯވިޑް-19 ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މިސްކުގެ ކޭސްތައް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށައިފިކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދް ފައިސަލް ވިދާޅުވެއްޖެއެވެ.

މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް)އަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

ޑރ.ފައިސަލް ވިދާޅުވީ އަތޮޅުތަކުގެ ރަށަކުން ގެނައި ކުއްޖަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯވިޑް ޖެހުނުކަމަށާ، މީގެ 4 ދުވަސް ކުރިން އެކުއްޖާއަށް ހުންއައިސް ހޮޑުލެވި ބަނޑުދިޔާވުންފަދަ ކަންކަން ކުރިމަތިވިކަމަށެވެ. މިހާރު އެކުއްޖާގެ ލޭގެ ޕްރެޝަރ ދައްވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ޑރ.ފައިސަލް ވަނީ ވިދާޅުވެފައެވެ. އޭގެއިތުރުން މި ބަލީގެ ޢަލާމާތްތައް ފެނި، އިތުރު 3 ކުއްޖަކު މިވަގުތުވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންކަން ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ.

ފުރާނައަށް ނުރައްކާވާ މިބަލީގައި ބޮޑުވަރުވާ ކުދިންގެ ސިކުނޑިއާއި ކިޑްނީއާއި ލޮލާއި ހިތް ފަދަ ގުނަވަންތައް މިބަލީގެ ސަބަބުން ދުޅަވެގެންދެއެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި ޙާލަތަށް ކުއްޖާ ދާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މިސްކަކީ ހަށިގަނޑުގެ ކޮންމެވެސް ދެ ގުނަވަނެއް ޝާމިލުވެގެން ޖެހޭ ބައްޔެކެވެ.

ކޯވިޑްގެ ސަބަބުން ޖެހޭ މި ނުރައްކާތެރި ބަލީގައި ގަދަޔަށް ބަނޑުގައި ރިއްސުމާއި ލޭގެ ޕްރެޝަރ ދައްވުންފަދަ ސިއްޙީ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ކިޑްނީއާއި ސިކުނޑިއަށްވެސް މިބަލީގެ ސަބަބުން އަސަރުކުރެއެވެ. ކޯވިޑް ބަލިޖެހުމަށްފަހު 2 ހަފްތާ ފަހުންވެސް މިބަލީގެ ޢަލާމާތްތައް ފެންނަން ފަށައެވެ. އެގޮތުން ގަދަޔަށް ކަރުގައި ރިއްސުމާއި، އުކުޅުވަޅަށް ތަދުވުމާއި، ބޭރަށް ހިންގުންފަދަ ޢަލާމާތްތައް ބަލީގެ ކުރީކޮޅު ފެންނަންފަށައެވެ. އޭގެ އިތުރުން 39-40 ޑިގްރީއަށް ހުން ގަދަވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

"މިސްކް" ޖެހުމުގެ އިތުރު ޢަލާމާތްތަކުގެ ތެރޭގައި އަތާއިފައި އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވުން، އަދި އަތާފައި ދުޅަވުމާއި ހަންފޮޅުން ހިމެނެއެވެ. އަދި އެކި ވައްތަރުގެ ބިހިތައް ނެގުމާއި ލޯ ރަތްވުން އަދި ދުލާއި ތުންފަތާއި ކަރު ރަތްވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ޢާންމުގޮތެއްގައި މިބައްޔަކީ 3 އަހަރާއި 10 އަހަރާދެމެދުގެ ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އަދި މިބައްޔަކީ ބައެއްފަހަރު ކޯވިޑް ޖެހިފައިވާ މުއްދަތުގައިވެސް މި ބަލީގެ އަލާމާތްތައް ފެންނަ ބައްޔެއްވެސްމެއެވެ.

ކޯވިޑްގެ ސަބަބުން ޖެހޭ މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީ ވެސް ކޯވިޑުން ރައްކާތެރިވުމެވެ. އެގޮތުން ބަލިޖެހުމާއިއެކު ކުދިންނަށް ގިނަގިނައިން ދިޔާ އެއްޗިހި ދިނުމަށް ސިއްޙީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މިބައްޔަކީ ކުޑަކުދިންނަށް ޖެހޭ ބައްޔަކަށް ވުމާއެކު ޢަލާމާތްތައް ފެނުމުން ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމުކަމެކެވެ.