ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް 24 ރޫމްގެ އޯޕީޑީ އިމާރާތެއް


ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތް އިތުރުކުރުމަށް ހޮސްޕިޓަލްގައި ހަދާ އޯޕީޑީ އިމާރާތުގެ މަސައްކަތްތައް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ހޮސްޕިޓަލްގެ އޯޕީޑީ ޚިދުމަތްތަށް 24 ކޮޓަރީ އިތުރުކުރާނެއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ރަށްތަކުން ސިއްޙީ ޚިދުމަތަށް ބަރޯސަވާ ހޯސްޕިޓަލެކެވެ.

ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޚާއްސަކޮށް ކޯވިޑްގެ ޙާލަތާއި ގުޅިގެން ދުރު ރަށްތަކުންވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އާދެއެވެ.

"އޯޕީޑީ ޚިދުމަތަށް ބަލާއިރު ދުވާލަކު 350-400މީހުން އެބަ ޑޮކްޓަރަށް ދައްކާ. އިންޕޭޝަންޓް ޚިދުމަތްތަކަށްވެސް އަބަދުވެސް ހޮސްޕިޓާލް އޮންނަނީ ފުރިފަ." ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް އަޙުމަދު ދާޢޫދު ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އިތުރު ގިނަ ދާއިރާތަކެއްގެ ޑޮކްޓަރުން މިހާރު ހޮސްޕިޓަލްގައި ޚިދުމަތް ދެމުން އާދެއެވެ. ހޮސްޕިޓަލްގެ މެނޭޖަރ ދާޢޫދު ވިދާޅުވީ ޑޮކްޓަރުން އިތުރުވުމާއިއެކު، ޑޮކްޓަރުން ޚިދުމަތް ދިނުމަށް ބޭނުންވާ ކޮންސަލްޓޭޝަން ރޫމްތައް މަދުވުމުގެ ގޮންޖެހުން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ.

ދާޢޫދު ވިދާޅުވީ މިވަގުތު ބަލި މީހުން ބެލުމަށް ހޮސްޕިޓަލްގައި ހުރީ 11 ކޮޓަރިކަމަށެވެ.

ބަލި މީހުން ބަލާ ކޮޓަރި މަދުވުމުގެ ސަބަބުން، ހޮސްޕިޓަލްގެ ވެއިޓިންގ ލިސްޓް ދިގުވެ، އަދި އެޕޮއިންޓްމަންޓް ބޭނުންވާ އަދަދަށް ދޫކުރުމަށްވެސް ދަތިކަން ހުރިކަމަށް ދާޢޫދު ވިދާޅުވިއެވެ.

ޖާގައިގެ ދަތިކަމާއެކު ސަރުކާރުން މިހާރު މިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި އޯޕީޑީ ޚިދުމަތަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. މި އިމާރާތް ތަރައްޤީކުރަނީ ބަލި މީހުން ބެލުމަށް 24 ކޮޓަރިއާއެކުއެވެ. އިމާރާތުގައި ޑޮކްޓަރުން ބަލާ ކޮޓަރީގެ އިތުރުން، ޓްރީޓްމަންޓް ރޫމާއި ޕްރޮސީޖަރ ރޫމް ހިމެނެއެވެ.

އޯޕީޑީ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 6 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، އެ ހޮސްޕިޓަލްގައި ވަނީ ފުލްފްލެޖް އައިސީޔޫ އިމާރާތެއް ތަރައްޤީކޮށް، ޚިދުމަތް ފެށުމަށް ތައްޔާރުވެފައެވެ. މިއީ 36 އެނދުގެ ކެޕޭސިޓީގެ އިމާރާތެކެވެ.