ޚަބަރު

އެޗްއީއޯސީއަށް އިތުރު މުވައްޒަފުން ހޯދަނީ


ރާއްޖޭގައި ކޯވިޑްގެ ހާލަތު ބަލަހައްޓަވަމުން ގެންދަވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އެޗްއީއޯސީއަށް ހޯދަން އިއުލާން ކޮށްފައިވަނީ 10 މެޑިކަލް އޮފިސަރުންނާއި، 60 ސާމްޕަލް ޓޭކަރުންގެ އިތުރުން 10 ސަޕޯޓް ސްޓާފުންނެވެ.

މެޑިކަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 24240 ރުފިޔާ ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ސާމްޕަލް ޓޭކަރުންނާއި ސަޕޯޓް ސްޓާފުންނަށް މުސާރައިގެ ގޮތުގައި 7500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެޗްއީއޯސީން ބުނީ މެޑިކަލް އޮފިސަރުން ހޯދުމުގެ އެންމެ ބޮޑު މަގްސަދަކީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެފަރާތްތަކަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ހޯދުންކަމަށެވެ. އޭގެއިތުރުން ކޯވިޑްގެ ހާލަތު ރާއްޖޭގައި މީގެކުރިން ގޯސްވެފައިނުވާ މިންވަރަށް ގޯސްވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ އައިސީޔޫތައް ފުރެމުންދާ ވަގުތަކަށްވުމުން ސިއްހީ ދާއިރާއަށް އިތުރު މުވައްޒަފުންގެ ބޭނުން ބޮޑުކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެެވެ.

އެޗްއީއޯސީން ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އާ ހަމައަށް މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަގާމުތަކަށް މުވައްޒަފުން ނަގާނީ 6 މަސް ދުވަހުގެ މުއްދަތަށްކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑްގެ ހަތަރުވަނަ ރާޅާއެކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. މިވަގުތު ރާއްޖޭގައި ފެތުރެމުންދަނީ ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.