ޚަބަރު

ހަނގުރާމަވެރި ސަރަހައްދުތަކަށް އުފަންވާ ދިވެހި ކުދިން ރަޖިސްޓްރީކުރުމާބެހޭ އުސޫލެއް


ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރަޖިސްޓްރީކުރުން ލާޒިމުވާ އުސޫލެއް ޑިޕާޓްމަންޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ޢާންމުކުރައްވައިފިއެވެ.

ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލުގެ ނަމުގައި ޑީއެންއާރުން ގެޒެޓްކުރެއްވި އުސޫލުގައި ވަނީ އެފަދަ ތަނަކަށް އުފަންވާ ކުދިން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރަންވާނެކަމަށެވެ.

އަދި އެފަދަ ކުދިން ރަޖިސްޓްރީކޮށްދެވޭނީ، އެ ކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށް މި އުސޫލުގައި ވެއެވެ.

މިގޮތުން ކޯޓުން ނިންމާ ނިންމުން ލިބޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވަރ އޮފް އެޓަރނ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރ ކުރުމަށާއި، އުފަންދުވަހުގެ ސެޓިފިކެޓު ހެދުމަށް، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ކައުންސިލަށް ހުށަހަޅަންވާނެކަމަށްވެސް މި އުސޫލުގައިވެއެވެ. މިގޮތަށް ހުށައަޅާއިރު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓްވެސް ހުށައަޅަންވާނެކަމަށް އުސޫލުގައި ވެއެވެ. އަދި ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ކުއްޖެއްގެ އުފަންވުން، އެ ކައުންސިލަކުން ރަޖިސްޓަރ ކޮށްދޭންވާނެކަމަށް ޑީއެންއާރުން ވިދާޅުވެއެވެ.

ކުޖެއްގެ އުފަންވުން ރަޖިސްޓަރ ކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މަޢުލޫމާތު ދިނުމަށް "ގެމެން ޕޯޓަލް" މެދުވެރިކޮށް އެ މަޢުލޫމާތު ކައުންސިލުން ހުށަހަޅަންވާނެކަމަށާއި، އުފަންވުން ރަޖިސްޓަރ ކުރުމަށްފަހު، އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކައުންސިލުން ހަދައިދޭންވާނެކަމަށްވެސް މި އައު އުސޫލުގައިވެއެވެ.

ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމައިގައި ބައެއް ދިވެހިން ބައިވެރިވެ، އެ ސަރަހައްދުތަކަށް ބައެއް ދިވެހިން އުފަންވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް ހަނގުރާމައަށް ދާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިނަމަވެސް، އެ ސަރަހައްދުތަކަށް އުފަންވާ ކުދިން ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނަކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. މިގޮތުން އެކުދިންގެ ޕާސްޓްޕޯޓް ހެއްދުންފަދަ ކަންކަމުގައި ގޮންޖެހުންތައް ދިމާވާކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރައްވައެވެ.

ބޭރުގެ ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުންނާއި، ގެނެވޭ މީހުން ބައިތިއްބާނެ ޚާއްސަ ސެންޓަރެއް ރާއްޖޭގައި މިހާރު ވަނީ ޤާއިމުކޮށްފައެވެ.