ޚަބަރު

ފެރީއާއި ފެރީ ޓާމިނަލްތަކުގެ މަސައްކަތް ބާރު ދުވެލީގައި!


ޤައުމީ ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ފެރީތަކުގެ ތެރެއިން 4 ފެރީއެއް ބަނުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށާ، ބާކީ 13 ފެރީވެސް އެޕްރީލްގެ ނިޔަލަށް ނިންމާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޤައުމީ ފެރީ ނިޒާމަކީ ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. މި މަޝްރުޢުގެ ޚިދުމަތް އޭޕްރިލް މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ މި ޚިދުމަތް ފުރަތަމަ ފަށާނީ ޒޯން 1ގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅުންނެވެ. މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައިވެސް ބަނދަރުމަތީގައި މީހުން ތިބުމަށް ޚާއްސަ ތަންތަން ހަދާނެއެވެ. މީގެތެރޭގައި މައި 6 ރަށުގައި ފެރީ ޓާމިނަލް ހެދުމާއި، އަދި އެހެން ރަށްތަކުގައި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ޒޯން 1ގައި ފެރީ ޓާމިނަލް ހަދާ ރަށްތަކަކީ ހއ.ހޯރަފުށި، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ހަނިމާދޫ، ށ.ބިލެތްފަހި، ށ.ފުނަދޫއެވެ.

މީގެތެރެއިން އެންމެ ބާރަށް މަސައްކަތް ކުރިއަށްދަނީ ހަނިމާދޫ ޓަރމިނަލްގެއެވެ. މި މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ އެރަށަށް ދަތުރުކޮށްފައެވެ.

ފެރީ ނިޒާމުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ނިންމާ ފެރީ ޓާމިނަލަކަށް ހަނިމާދޫގެ ޓާނަލްގެ މަސައްކަތް ވާނެކަމަށެވެ. ޓާމިނަލްތައް ފަރުވާކޮށްފައިވަނީ ދިވެހިވަންތަ ސިފަތަކާއެކުއެވެ. ހަނިމާދޫ ޓާމިނަލްގެ އިމާރާތުގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ އެތެރޭގެ މަސައްކަތްތަކެވެ.

"40 ޓާމިނަލް ތަރައްޤީކުރާނެ. އެއީ ޓަރމިނަލާ ފެރީ ސްޓޮޕްތައް. ބޮޑު 6 ޓާމިނަލް ހަދާއިރު، 4 ޓާމިނަލްގެ ޢަމަލީ މަސައްކަތް ފަށައިފިން. އަނެއް 2 ޓާމިނަލް ފެށުމަށް ތައްޔާރުވެފައިވަނީ. ހަނިމާދޫ ޓާމިނަލް މިމަހުގެ 25އަށް ނިންމާލެވޭނެ." އާޒިމް ވިދާޅުވިއެވެ.

އާދަމް އާޒިމް ވިދާޅުވީ ޒޯން 1ގެ ހުރިހާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް ޖޫން ނުވަތަ ޖުލައިއަށް ނިންމާލެވޭނެކަމަށެވެ. މި ޓާމިނަލްތަކަކީ މީހުން މަޑުކޮށްގެން ތިބުމާއި، ފާޚާނައިގެ ޚިދުމަތްފަދަ ޚިދުމަތްތަކާއެކު ހަދާ ތަންތަނެވެ. އަދި ޓާމިނަލް ފަރުމާކުރަނީ ބައެއްކަހަލަ ތަކެތިވެސް އެތަންތަނުން ގަންނަން ލިބޭ ގޮތަށެވެ.

ޒޯން1ގެ ފެރީ ދަތުރުތައް ފެށުމަށް 17 ފެރީ ބަނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގަލްފް ކްރާފްޓާއެވެ. އެއީ 50މީހުން އުފުލޭ ޖާގައިގެ، ލޯންޗު ފެރީ ތަކެކެވެ. އާޒިމް ވިދާޅުވި ޒޯން1ގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތަކަށް ބޭނުންވާ ފެރީތައް ބަނދެ ނިމުމަކާ ގާތްވެފައިވާކަމަށެވެ.

"4ލޯންޗް ބަނދެ ގާތްގަނޑަކަށް ނިމިފައި މިވަނީ. މިމަހުގެ ތެރޭގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާނަން. ބާކީ 13 ލޯންޗް އޭޕްރިލްގެ ކުރިއަށް ހުރިހާ ލޯންޗް ނިމޭނެ." އާޒިމް ވިދާޅުވިއެވެ.

މި ފެރީ ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު ބަލިމީހުންވެސް އުފުލޭ ގޮތަށެވެ. އަދި ފުރުޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށެވެ. ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.