ޚަބަރު

ރ.ކިނޮޅަހު ނެރު ބެދޭ މައްސަލަ ހައްލުކޮށް އައު ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި


ރ.ކިނޮޅަހު ބަނދަރަށް ވެލިވަދެ ނެރު ބެދުނު މައްސަލަ ހައްލުކޮށް އެރަށުގައި އާބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ހުސެއިން ވިދާޅުވީ އާ ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ.

ރ.ކިނޮޅަހު ބަނދަރު ތެރެއަށް ވެލި ވަދެ ނެރު ބަންދުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިމައްސަލަ ދިމާވި ހިސާބުން ގިނަ ގޮންޖެހުންތަކެއް އެރަށު ފަޅަށްވަދެ ނުކުތުމަށް ކުރިމަތިވިއެވެ. ޒަރޫރީ ބޭނުންތަކަށް ރަށު ބަންދުވެފައި ހަފްތާއެއްހާދުވަހު އެރަށު ރައްޔިތުން ތިބެންޖެހުނެވެ. ރަށަށް މުދާ ގެނައުމާއި ރަށުގައި ދަނޑުވެރިކަމުން ހައްދާ ބާވަތްތައް ބޭރުނުކުރެވި ހަލާކުވެގެން ދިޔައެވެ.
މިކަން ސަރުކާރުގެ ސަމާލުކަމަށް އައި ހިސާބުން އެހަފްތާތެރޭގައި މަސައްކަތް ފަށާ އެކަން ހައްލުކޮށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ހުސެއިން ވިދާޅުވިއެވެ.

ކިނޮޅަހުގައި 2008 ވަނަ އަހަރު ހެދި މި ބަނދަރަށް އަބަދުވެސް ވެލި ވަންނާތީ އެކަން ހައްލުކުރުމަށް މިހާރު އެރަށުގައި އޮތް ބަނދަރާ ގުޅުވައިގެން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. އެގޮތުން މިހާރު ކުރަމުންދަނީ މިހާރު އޮތް ބަނދަރުގެ އިރުމަތީ ފަރާތުގައި އެއްގަމަށް ލާފައިއޮތް ތޮށިގަނޑު ތަޅާލާ ނެގުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ކިނޮޅަހު ބަނދަރަށް އަލަށް އިތުރުކުރާ ބައިގައި 360 ފޫޓް ހުންނާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ހުސެއިން ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން ކަނޑުތޮށީގައި ޖަހާފައިއޮތް ރިވެޓްމަންޓް އުސްކޮށް އިތުރު ނެރެއް ކެޑުމަށް ހަމަޖެހިފައިވާ ކަމަށް އަޙްމަދު ހުސެއިން ވިދާޅުވިއެވެ. ބަނދަރަށް އިތުރުކުރާ ބައިގެ މަސައްކަތް ނިމުމުން އެރަށު ފަޅަށް ވެލިވަނުމުގެ މައްސަލައަށް ހައްލުލިބިގެން ދާނެކަމަށް އުންމީދު ކުރާކަމަށްވެސް އޭނާވިދާޅުވިއެވެ.

ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކިނޮޅަހު ބަނދަރަށް ވެލިވަދެ ތިލަވުމަކީވެސް އެރަށު ފަޅު ބޭނުންކުރާ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިމަސައްކަތާއެކު އެކަމަށް ހައްލު ލިބޭނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.