ޚަބަރު

ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅޭ 3 ޝަކުވާއެއް އީސީއަށް ހުށައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެން މިހާތަނަށް 3 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހެޅޭނެ ގޮތަށް، އިލެކްޝަންސް ކޮމިޝަނުގައި ވަނީ ކޮމްޕްލެއިންސް ބިއުރޯއެއް ގާއިމްކޮށްފައެވެ. އަދި ކޮމަންޑޫ ދާއިރާގެ ތިން ރަށުން ޝަކުވާ ހުށަހަޅަން އޮތްނަމަ އެރަށަކުން ޝަކުވާ ހުށަހެޅޭނެ ފޯކަލް ޕޮއިންޓްތަކެއްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިހާތަނަށް ހުށަހެޅުނު ތިން ޝަކުވާވެސް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމުންކަމަށެވެ. ޕީޕީއެމުން ހުށަހެޅި ޝަކުވާ އަމާޒުކޮށްފައިވަނީ ކެމްޕޭން ޖަލްސާއެއްގައި ވާދަވެރި ފަރާތަކުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެންކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މި އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް ރީ-ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލާފައެވެ. ރީ ރަޖިސްޓްރީ ވުމުގެ ފުރުޞަތުވެސް މާދަމާއަށް ހަމަވާނެއެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑުއާއި، ފޯކައިދޫ، މަރޮށި ހިމެނޭ އެ ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 6 ވޯޓް ފޮށްޓެއް އެ އިންތިޚާބުގައި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.

ބައި އިލެކްޝަންތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒުގައެވެ.