މިހާތަނަށް ހަދާދީފައިވާ އައިޑީކާޑުތަކުގެ ތެރެއިން މުއްދަތު ހަމަވާ އައިޑީ ކާޑުތައް ޖުލައިމަހުގެ ނިއަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހާމަކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިގޮތަށް ނިންމީ ކޯވިޑު ފެތުރުން އިތުރުވަމުން ދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަން ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވުމާއެކު، މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ. މިގޮތަށް މުއްދަތު އިތުރު ކުރި ނަމަވެސް އޮންލައިންކޮށް، ކާޑު ހެއްދުމަށް އެދި ހުށައެޅޭނެ ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވިއެވެ.
އައިޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހައާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓް (www.dnr.gov.mv) އިން ހުށަހެޅޭނެއެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެ ކަމަށްވެސް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވެއެވެ.
ކޯވިޑާއި ގުޅިގެން ކުރިމަތިވީ ޙާލަތުގައި އައިޑީކާޑު ހެއްދުމުގެ ކަންކަމުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކާ، މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު މީގެ ކުރިންވެސްވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ.