ޚަބަރު

އައިސީސީއާރްގެ ފަރާތުން ދޫކުރާ 34 ސްކޮލަރޝިޕަކަށް ހުޅުވާލައިފި


އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައި.ސީ.ސީ.އާރުގެ ފަރާތުން 2022 އިން 2023ގެ ދިރާސީ އަހަރަށް ދޫކުރާ ސްކޮލަރޝިޕް ފުރުސަތުތަކަށް ހުޅުވާލައިފިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) މެދުވެރިކޮށް 2022- 2023ގެ ދިރާސީ އަހަރަށް ވަނީ 34 ސްކޮލަރޝިޕް ފުރުސަތު ދިވެހިންނަށް ހުޅުވާލާފައެއެވެ. އެގޮތުން މިފުރުސަތުގެ ދަށުން ދިވެހި ކިޔަވާކުދިންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އަރޓްސް، ސައިންސް، އިންޖިނިއަރިންގ، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން އިންޑިއާގެ ސަޤާފަތުގެ ދާއިރާއިން ޢިލްމު އުގެނުމުގެ ފުރުސަތަށް ބައިނަލައަޤްވާމީ ގޮތުން 100 ސްކޮލަރޝިޕް ސްލޮޓްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އިންޑިއާގެ ސަޤާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓަރ، ޕަރފޯމިންގް އަރޓްސް، ސްކަލްޕްޗަރ، އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ސުފުރާތައް ހިމެނިގެންވެއެވެ. ނަމަވެސް މި ސްކޮލަރޝިޕްތަކުގެ ތެރޭގައި މެޑިކަލް، ޕެރަމެޑިކަލް، ފެޝަންފަދަ 5 އަހަރުގެ މުއްދަތުން ފުރިހަމަކުރާ އިންޓަރގްރޭޓަޑް ކޯސްތައް ހިމެނިފައެއް ނުވެެއެވެ.

މި ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލެވިފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށެވެ. އަދި ޕީއެޗްޑީގެ ފުރުސަތައް ކުރިމަތިލުމަށް އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ. މިފުރުސަތުތަކަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށް ތިރީގައިވާ އައި.ސީ.ސީ.އާރްގެ އޭ2އޭ ޕޯޓަލްއިންނެވެ.

އައި.ސީ.ސީ.އާރުން ބުނީ ޕޯޓަލް ހުޅުވިފައި ހުންނާނީ 25 ޖެނުއަރީން 30 އޭޕްރިލް 2022ގެ ނިޔަލަށްކަމަށާއި މި ޕޯޓަލްގައި ބޭނުންވާ އެންމެހާ މަޢުލޫމާތުތައް ހިމެނިފައިވާނެކަމަށެވެ. އޭގެތެރެއިން މީގައި ބައިވެރިވެފައިވާ ޔުނިވަރސިޓީ އަދި އިންސްޓިޓިއުޓްސް، ހުޅުވާލެވިފައިވާ ކޯސްތައް، ހޮސްޓެލް ޙިދުމަތުގެ ފުރުސަތާއި، އެޕްލިކޭޝަން އުސޫލުތަކާއި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ އިތުރުން ކުރިމަތިލާ ފަރާތްތަކަށް އެޕްލައި ކުރުމުގައި ކިޔަވަން ބޭނުންވާ ކޯސް ކަނޑައެޅުމުގައި ފަސޭހަވާނެހެން އަދިވެސް އިތުރު ކަމާއިގުޅޭ މަޢުލޫމާތުތައް ހިމެނެއެވެ.

އައި.ސީ.ސީ.އާރުން ބުނީ މިކޯސްތަކަށް ޝަޢުގުވެރިކަން ހުރި ދަރިވަރުން އިތުރު މަޢުލޫމާތު އިންޑިއަން ކަލްޗަރަލް ސެންޓަރުން ލިބެން ހުންނާނެކަމަށެވެ.