ޚަބަރު

ދާންދޫ ބަނދަރު ބޮޑުކޮށް ތަރައްޤީކުރަން ހަވާލުކޮށްފި


ގއ.ދާންދޫގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި ބަނދަރަކީ ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރެއިން ބަނދަރެކެވެ.

ދާންދޫގެ ބަނދަރަށް ޖާގަ އިތުރުކޮށް އިތުރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދްއެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި 529 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 333މީޓަރުގައި ބޭރު ތޮށި ލުހުމާއި، 370 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ދާންދޫ ބަނދަރު ތަރައްޤީކުރަނީ އެންމެ ޒަމާނީ ފަރުމާއަށެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގައި 100މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށްވެސްވަނީ ހިމަނާފައެވެ. އަދި ބަނދަރުގެ އެއްގަމު ތޮއްޓާ ބޭރު ތޮށި ގުޅާލުމަށް 30މީޓަރު ދިގު 4މީޓަރު ފުޅާ ބްރިޖެއްވެސް ހަދާނެއެވެ.

އެންމެ ފަހުގެ ފަރުމާއަކާ އެއްގޮތަށް، ދާންދޫ ބަނދަރުގެ އެއްގަމު ތޮށި ވަށައިގެން 3747 އަކަމީޓަރުގެ ޕޭވްމަންޓެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ބަނދަރު އަލިކުރުމަށް 36 ބަނދަރު ބައްތި ހަރުކުރުމާއި، ނެރު ބައްތީގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ބަނދަރުގައި ދޯނި އަޅާފައި ބޭއްވުމަށް ފަސޭހަކުރުމަށް މޫރިންގ ރިންގާއި މޫރިންގ ބޮއި ހަރުކުރާނެއެވެ.

ބަނދަރާ، ކުނި ބާޖާއި ކޮޅުވެއްޓި ކައިރިކުރުމަށް 10މީޓަރުގެ ރޭމްޕެއް ހެދުންވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ދާންދޫ ބަނދަރުގެ މަސައްކަތް ނިމޭއިރު ވެގެން ދާނީ، ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރެއިން ބަނދަރަކަށެވެ.

ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 70.8މިލިއަން ރުފިޔާއަށެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ފުރިހަމަކުރުމަށް އެއްބަސްވެފައިވަނީ 1 އަހަރާ 4 މަސް ދުވަހުންނެވެ.