ޚަބަރު

ކޯވިޑްގައި ރާއްޖެއިން މިއަދު 4 ވަނަ މަރު!


ރާއްޖޭގައި ކޯވިޑް ބަލީގައި މިއަދު 4 ވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، ކޯވިޑް ޖެހިގެން މިއަދު ނިޔާވި 4 ވަނަ މީހަކީ ލ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ބައްޔަށް ފަރުވާދެމުން ދިޔަ 84 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާ ނިޔާވީ މިއަދު މެންދުރު 01:47 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 269 ވަނަ މީހާއެވެ. އަދި މިއީ ލ.ކޯވިޑް ފެސިިޓީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ. ލ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 79 އަހަރުގެ ފިރިހެނެއްވެސް މިއަދު ނިޔާވެފައިވެއެވެ.

ބަލީގައި ދެން މިއަދު ނިޔާވީ އައްޑޫ ކޯވިޑް މެނޭޖުމަންްުޓު ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެއްކަމަށެވެ. އެއީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 63 އަހަރުގެ އަންހެނަކުވެސް މިއަދު ހެނދުނު ނިޔާވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 269އަށް އަރާފައެވެ. ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 40 އަށްވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.