ޚަބަރު

ކޯވިޑާ ގުޅިގެން އައިޖީއެމްއެޗްގެ ޚިދުމަތްތައް ޑައުންގްރޭޑްކޮށް ސާރޖަރީތައް މެދުކަނޑާލައިފި


ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑްކޮށް ބައެއް ޚިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.

ރާއްޖޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރޭތީ ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ ޢަދަދު ދަނީ ދެގުނަ ނުވަތަ ތިންގުނައަށް އިތުރުވަމުންނެވެ. މިއާއެކު ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވެ ޚިދުމަތް ދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ރާއްޖޭގޭ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެހޮސްޕިޓަލުގެ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑް
ކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި މިމަހުގެ 22އިން ފެށިގެން ކުރިއަށް އޮތް 2 ހަފްތާއަށް ރޫޓީން ނުވަތަ ދުރާލާ ތާވަލުކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލުމަށް ނިންމާފައިވާކަމަށްވެސް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

ކޯވިޑްގެ ޙާލަތަށް ރިއާޔަތްކޮށް އެ ސަރޖަރީތައް ހެދެން ފެށޭނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށާ، ނަމަވެސް އެހޮސްޕިޓަލުގެ އެމަރޖެންސީ ނުވަތަ އީއާރުގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްއިން ވަނީ މިގެނައި ބަދަލާއެކު ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.