ޚަބަރު

ކަމަދޫ ބަނދަރުހަދަން އެމްޓީސީސީއާ ޙަވާލުކޮށްފި


ބ.ކަމަދަދޫ ބަނދަރު ތައްރައްޤީކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢު ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.

މިމަޝްރޫޢުގެ ދަށުން، 25،404 އަކަމީޓަރުގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތައް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާ ނެރު ބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ކަމަދޫގައި މިހާރު އޮތީ މީގެ 25 އަހަރު ކުރިން ވިލާ ކުންފުންޏާ އެރަށު ރައްޔިތުންގެ މަސައްކަތުން ހަދާފައި އޮތް 400 ފޫޓް ދިގު 150 ހަކަށްފޫޓް ފުޅާ ބަނދަރެކެވެ. މިބަނދަރު މިހާރުގެ ހާލަތަށް ބަލާނަމަ ބޭރުތޮށި އެއްކޮށްހެން އޮތީވެއްޓިފައެވެ. އަދި ނެރު ތިލަވެ އެއްގަމު ތޮށީގައި ރެނދުއަޅާ ހަލާކުވެ ބޮޑުބައެއް އޮތީ އަރި އަޅާލާފައެވެ. ބޮޑެތި ގިނަ އުޅަނދުތަކެއް ކައިރި ކުރާ މިބަނދަރުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާ މެދު ނުކެނޑި ކައުންސިލަށް ލިބޭކަމަށާ މިކަމަކީ މިހާރުން މިހާރަށް ހައްލު ކުރަންޖެހިފައި އޮތް ކަމެއްކަމަށް ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.

ކަމަދޫގައި ސަރުކާރުން ބަނދަރު މަރާމާތު ކުރެވިގެންދާއިރު މިހާރު އޮތް ބަނދަރަށް 150 ފޫޓް އިތުރުވާނެއެވެ. މީގެ އިތުރުން ފަޅު ތިލަވެ ދިޔަވަރު ހިކޭ ވަގުތުތަކުގައި ފަޅުގައި ބޮޑެތި އުޅަނދުފަހަރު ބީހުމަކީ ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް އޮތް ގޮންޖެހުމެއްކަމަށް ޒަރީރު ވިދާޅުވިއެވެ.
ކަމަދޫ ނެރު ހަދާފައި އޮންނަގޮތުން ނެރުމައްޗައް ބިއްކުރާ ރާޅު ތަކުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާއެއް ހިގައިފައި އެބަހުއްޓެވެ. އިރުވައި މޫސުމުގައި ކަމަދޫ ފަޅަށް ވަދެއް ނުކުމެ ހެދުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް އެރަށު ކައުންސިލާ ރައްޔިތުން އުންމީދު ކުރެއެވެ.