ކުޅިވަރު

އީގަލްސް އަތުން ބަލިވެ ގްރީންއަށް ފައިނަލްގެ ޖާގަ ގެއްލިއްޖެ


ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އަތުން ބަލިވެ، ކުލަބް ގްރީން ސްޓްރީޓްސްއަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފުރުސަތު ގެއްލިއްޖެއެވެ. ޕްރެޒިޑެންޓްސް ކަޕްގައި ގްރީން ސްޓްރީޓްސް އާއި ކުލަބް އީގަލްސް ބައްދަކުރި މެޗް އީގަލްސް ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ. މިމެޗުން ގްރީން ބަލިވުމާއި ގުޅިގެން ވެލެންސިޔާއަށްވަނީ ފައިނަލްގެ ޖާގައެއް ޔަގީންވެފައެވެ.

ޕްރެޒިޑެންޓްސް ކަޕް ލީގް ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ވެލެންސިޔާ ފައިނަލުން ޖާގަ ހޯދިއިރު، މާޒިޔާ އާއި ގްރީން ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ލަނޑުގެ ތަފާތުން މާޒިޔާއަށް ކުރި ލިބުމާއި ގުޅިގެން ފައިނަލްގެ ދެވަނަ ޖާގަ ޔަގިން ކުރީ މާޒިޔާއިންނެވެ.

މިމެޗަށް ނިކުތްއިރު ގްރީން ސްޓްރީޓްސްއަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި ފަހަރުގެ މުބާރާތުގައި އެ ޓީމްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ނަޒީމް ގާސިމް (ޗޯޓު) މި މެޗަށް ދެ ކާޑު ހަމަވެގެން ސަސްޕެންޑްވެފައިވުމެވެ. މެޗް ފަށައިގެން އެންމެ ފުރަތަމަ ހަމަލާތާ އުފެއްދީ އީގަލްސްއިންނެވެ. އީގަލްސްގެ އިމްރާން ނާޝިދު ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލެއް ޖަހައި ލީޑް ނެގީ އީގަލްސްއިންނެވެ. މިލަނޑު މެޗްގެ 18ވަނަ މިނެޓްގައި އީގަލްސްއަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ.

އީގަލްސްއިން ލަނޑު ޖެހުމާއެކު ގްރީންއިން ކުރިއަށް ޖެހިލައިގެން ކުޅުން ފެށިއެވެ. އެގޮތުން ގްރީންގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް އާއި އަލީ ޝާމިސްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ގްރީންއިން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް، އީގަލްސްއަށް ގޯލް ޖެހުމަށް ރަގަނޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން އީގަލްސްއަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ހާފް ނިމެން 4 މިނެޓަށް ވެފައިވަނިކޮށް، ގްރީންއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އެއްވަރު ކުރިއެވެ. މިލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމެވެ.

މެޗްގެ ދެވަނަ ހާގްފައި ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށްވެސް ގޯލް ޖެހުމަށް ފުރުސަތުތައް ލިބިގެންދިޔައެވެ. އަނިޔާ ވެގެން ޑިފެންޑަރު މުހައްމަދު ސާއިފް ބާލަން ޖެހުމުން އޭގެ ފައިދާ ވަރަށް ބޮޑަށް އީގަލްސްއަށް ކުރިއެވެ. އޭގެ ފަހުން އީގަލްސްއިން ގްރީންގެ ގޯލަށް ފޮނުވާލަމުންދިޔަ ހަމަލާތައް އިތުރުވެގެންދިޔައެވެ. އީގަލްސްއިން މެޗްގައި ދެވަނަ ފަހަރަށް ލީޑް ނެގީ މެޗްގެ 57ވަނަ މިނެޓްގައެވެ. މިލަނޑަކީ ގްރީންގެ ހުސެއިން އަބްދުﷲ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗްގެ 66ވަނަ މިނެޓްގައި ހަސަން ރާއިފްވަނީ އީގަލްސްއަށް މެޗްގައި ލިބިފައިވާ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.

އަދި މެޗްގެ 79 މިނެޓްގައި އީގަލްސްއިން ވަނީ އެޓީމުން މެޗްގައި ޖެހި 4ވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާނެވެ. މެޗްގެ ފަހު ވަގުތުމޮޅުގެ ތެރޭގައި ގްރީންއިން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް ކުރިއަރައިގެން މަސައްކަތް ކުރިއެވެ. ނަމަވެސް އިތުރ ގޯލެއް ގްރީންއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.