ޚަބަރު

ހައިޝަމްއާއި ޒީހާން ޢުމުރަށް ޖަލަށް، މަރުގެ ދިޔަ 1.3 މިލިއަން ރުފިޔާ!


ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ހ.އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އުމުރަށް ޖަލަށްލުމުގެ އިތުރުން 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދިނުމަށް ވެސް އެ ދެ މީހުންނަށް އިއްވި ޙުކުމުގައިވެއެވެ.

ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް މި މީހުންގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ހައިޝަމް އާއި ޒިހާންގެ މައްޗަށް އެކަންޏެވެ. ހައިޝަމް އާއި ޒިހާންގެ މައްޗަށް ޔާމީން ރަޝީދު މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކޯޓުން ވަނީ މިކަމުގެ ވާރިސުން އަމަލުކުރަން ބޭނުންވާ ގޮތް ބަލާފައެވެ. ޔާމީން ރަޝީދުގެ މަންމަ ފިޔަވައި އޭނާގެ ހުރިހާ ވާރިސުން ބޭނުންވީ މަރަށް މަރުހިފާަށެވެ. ނަމަވެސް ޔާމީންގެ މަންމަ ބޭނުންވީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގާށެވެ.

އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަކީލާ ބުނީ އިންސާނަކަށްވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްކަމަށް ޔާމީން ދެކުނުކަމަށެވެ. އަދި ގިސާސް ހިފާން ބޭނުންނުވާކަމަށް ޔާމީންގެ މަންމަ ކޯޓުގައި ބުންޏެވެ.

މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަން ބޭނުންނަމައެވެ. އަދި ޔާމީންގެ މަންމަ މަރަށް މަރު ހިފަން ބޭނުންނުވުމުން ކުށް ސާބިތުވި ހައިޝަމްއާއި ޒީހާންގެ މައްޗަށް ވަނީ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމާއެކު އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން މިރޭ އިއްވި ޙުކުމުގައި ވަނީ އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފައެވެ.

ގިޞާސްގެ ބަދަލުގައި މަރުގެ ދިޔަ ނަގައިދިނުމަށް ޔާމިންގެ މަންމަ އެދިފައިވާތީ ކޯޓުން ވަނީ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށްވެސް ޙުކުމް ކޮށްފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މ ައްސަލާގައި ދެން ދައުވާ އުފުލާފައިވާ ހަތަރު މީހުންކަމަށްވާ ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ވަނީ ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ.