ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.
ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއަށް ހަމަޖެއްސެވި މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުމާއި، ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް ޢާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުންވެސް ހިމެނެއެވެ.
މި އިދާރާގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު ޢާންމުކުރުމާއި، ރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން ހިމެނެއެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ މި އިދާރާއިން ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރާނެއެވެ. އަދި ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުވެސް އެ އިދާރާއިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވެއެވެ.
ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.