ޚަބަރު

ޔާމީން މަރާލުމުގެ ކުށް ހައިޝަމްއާއި ޒީހާންގެ މައްޗަށް ސާބިތުވެއްޖެ


ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ކުށް ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ސާބިތުވެއްޖެއެވެ.

ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް މި މީހުންގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ހައިޝަމް އާއި ޒިހާންގެ މައްޗަށް އެކަންޏެވެ.

ހައިޝަމް އާއި ޒިހާންގެ މައްޗަށް ޔާމީން ރަޝީދު މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކޯޓުން ވަނީ މިކަމުގެ ވާރިސުން އަމަލުކުރަން ބޭނުންވާ ގޮތް ބަލާފައެވެ. ޔާމީން ރަޝީދުގެ މަންމަ ފިޔަވައި އޭނާގެ ހުރިހާ ވާރިސުން ބޭނުންވީ މަރަށް މަރުހިފާަށެވެ. ނަމަވެސް ޔާމީންގެ މަންމަ ބޭނުންވީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގާށެވެ.

އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަކީލާ ބުނީ އިންސާނަކަށްވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްކަމަށް ޔާމީން ދެކުނުކަމަށެވެ. އަދި ގިސާސް ހިފާން ބޭނުންނުވާކަމަށް ޔާމީންގެ މަންމަ ކޯޓުގައި ބުންޏެވެ.

މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަން ބޭނުންނަމައެވެ. އަދި ޔާމީންގެ މަންމަ މަރަށް މަރު ހިފަން ބޭނުންނުވުމުން ކުށް ސާބިތުވި ހައިޝަމްއާއި ޒީހާންގެ މައްޗަށް މަރުގެ އަދަބެއް ނާންނާނެއެވެ.

އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށްފަހު، ހައިޝަމްއާއި ޒީހާންގެ މައްޗަށް އަދަބެއް ކަނޑައެޅުމަށް އިތުރު އަޑުއެހުމެއް ބާއްވާނެއެވެ.