ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދެވެ.

މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗްޑީސީގެ ފަރާތުންނެވެ. އަދި މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަމަށް އެޗްޑީސީން މައުލޫމާތުދެއްވައެވެ.

އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓުތަށް ކައިރީގައި 30،655 އަކަފޫޓުގެ ބިމެއްގައި، ބިނާކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާ، މިސްކިތުގެ ހަރިއްމަ އާއެކު 3000 މީހުންންގެ ޖާގަ ހުންނާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވެސް 2 މިސްކިތް ހުރެއެވެ. އެއީ ސަރުކާރުން ބިނާކުރެއްވި ވަގުތީ މިސްކިތަކާއި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ. ސަރުކާރުން ބިނާކުރެއްވި ވަގުތީ މިސްކިތަކީ 600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މިސްކިތެކެވެ.