ޚަބަރު

ބްލޮގަރ ޔާމީންގެ މަރުގެ މައްސަލާގައި މާދަމާ ޙުކުމް އިއްވަނީ


ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޙުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ޔާމީން ރަޝިދުގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މައްސަލައިގެ ޙުކުމް އިއްވުން ތަޢާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ.

2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެންކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށެވެ.

ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގަ އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ޖަހާ މަރާލީ ހައިޝަމާއި ޒިހާން ކަމަށާއި، އެވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދަޢުވާލިބޭ އިސްމާއިލް ރަޝީދު ކަމަށް ދައުލަތުން ވަނީ ޝާރީއަތުގައި ބުނެފައެވެ.

ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލީ ބްލޮގަރ ޔާމީން ރަޝީދު މަރާލިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހުގެތެރޭގައިވަނީ ގޮވާލާފައެވެ.