ޚަބަރު

އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް މިމަހުން ފެށިގެން ލިބޭނީ ބޮޑުކުރި ޢިނާޔަތް


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ އެލަވެންސް މިމަހުން ފެށިގެން ބޮޑުވާނެކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހާމަކުރައްވައިފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ލިބިވަޑައިގަންނަވާ ޢިނާޔަތް ދެގުނައަށް ބޮޑުކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެލްޖީއޭއިން ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ބޮޑުކުރި ޢިނާޔަތް ދީގެން ބަޖެޓް ހަދައި މިމަހުންފެށިގެން ދިނުމަށް ކައުންސިލްތަކަށް އަންގާފައިވާނެކަމަށެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިމަހު ލިބިވަޑައިގަންނަވާނީ ބޮޑުކުރި ޢިނާޔަތްކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

ބޮޑުކުރި ޢިނާޔަތާއެކު ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް ލިބިވަޑައިގަންނަވާނީ 7000 ރުފިޔާއެވެ. އަދި ސިޓީތަކުގެ, ނާއިބު ރައީސާއަކަށް 6500 އަދި ކޮމިޓީގެ މެންބަރަކަށް 6000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް 6000 ރުފިޔާ އަދި ނާއިބު ރައީސާއަށް 5500 ރުފިޔާ އަދި ކޮމިޓީގެ މެންބަރަކަށް 5000 ރުފިޔާ މިމަހުން ފެށިގެން ލިބިވަޑައިގަންނަވާނެއެވެ.

މިހާރު އެލަވެންސް ލިބިވަޑައިގަންނަވާ ގޮތް

ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:

  • ރައީސާގެ ފިކްސްޑް އެލަވަންސް: 2،500 ރުފިޔާ
  • ނައިބް ރައީސާގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
  • މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
  • ސިޓިން އެލަވަންސް: 250 ރުފިޔާ

ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:

  • ރައީސާގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
  • ނައިބް ރައީސާގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
  • މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،000 ރުފިޔާ
  • ސިޓިން އެލަވަންސް: 250 ރުފިޔާ

އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާޙްތަކާއެކު ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައަޅާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ޢިނާޔަތް ލިބޭގޮތަށް ޤާނޫނުން ކަނޑައަޅާ ބާރުތަކެއް ވަނީ ދީފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެންނެވި އިސްލާހާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި, ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުމާއި, އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި, ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމާއި, މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުމަކީވެސް އެކޮމިޓީތަކުގެ މަސްޢޫލިއްޔަތެކެވެ.