ޚަބަރު

މަޖިލިސް ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

މިދަތުރުފުޅަކީ 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ސެޝަންއަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ އިސްވެރިން އަދި އެ ޤައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.