ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6 ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެއީ ހއ. ވަށަފަރު، ތުރާކުނު، ށ. ޅައިމަރު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ޞިއްޙީމަރުކަޒުގެ އަޕްގްރޭޑުކުރުމުގެ މަސައްކަތެވެ.
ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިންގ ޑިރެކްޓަރ، މުޙައްމަދު ޢިމާދުއެވެ.
ހއ. ވަށަފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން، ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނަރުސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި ތުރާކުނު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން، އޮފީސް، މީޓިންގ ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީ ޖާގަ އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ވަށަފަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި ތުރާކުނު ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 3.4 މިލިއަން ރުފިޔާއަށެވެ.
ށ. ޅައިމަގު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ހުސައިން އަންވަރެވެ.
ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން، ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާރުސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. 4.8 މިލިއަން ރުފިޔާގެ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ޞިއްޙީ މަރުކަޒުތަކުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ލީގަލް ކައުންސެލް، މުޙައްމަދު ޒަޔާން ޢަބްދުﷲއެވެ.
މަގޫދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން، ވޯޑަކާއި، ލެބޯޓްރީ، ނާރުސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ބިލެއްދޫ ޞިއްޙީމަރުކަޒަށް ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ލޭބަރ ރޫމް، އަދި ސްޓޯރ ރޫމް އިތުރުކުރުމަށް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 4.3 މިލިޔަން ރުފިޔާއަށެވެ. ދަރަނބޫދޫ ޞިއްޙީމަރުކަޒަށް ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާރުސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރުމަށް ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ސަރުކާރުން އަންނަނީ އަތޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، އައު ޚިދުމަތްތައް ފަށްޓަވަމުންނެވެ. އެގޮތުން މިމަސައްކަތަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސް، އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނައިބު އަލްއުސްތާޛް އިސްމާޢީލް ޒާހިރުއެވެ. މި ރަސްމީއާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.