ކުޅިވަރު

ފައިނަލް މެޗަށް އަލިފުށި ތައްޔާރުވާނެ - ޝާޙު


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް އަލިފުށީގައި ކުރިއަށްދާއިރު، މިމެޗާއި ގުޅިގެން ގިނަ ކަންތައްތަކެއް ކުރިއަށްދާނެކަމަށް އެފްއޭއެމް ކޮންޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް ޝާޙު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ޝަރަފްވެރި މުބާރާތެވެ. އާންމުކޮށް އެހެން އަހަރުތަކުގައި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ސީޒަންގެ އެންމެ ފަހު މުބާރާތެއްހެ ގޮތުންނެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން ފާއިތުވެގެން ދިޔަ އަހަރުތަކުގައި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ނަމަވެސް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދަނީ ސީޒަންގެ ފުރަތަމަ މުބާރާތުގެ ގޮތުގައެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މާލެއިން ބޭރުގައި ކުޅޭ ތިންވަނަ ފަހަރުއެވެ. 2015 ގައުމީ މުބާރާތް މާލެއިން ބޭރުގައި ކުޅެފައިވަނީ އައްޑޫ ސީޓީ ހިތަދޫގައެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަލިފުށީގައެވެ. އެފްއޭއެމްއިންދަނީ މިމުބާރާތުގެ ފައިނަލް މެޗް އަލިފުށީގައި ކުޅުމަށް ވަރަށް ގިނަ ކަންތަށްތަކެއް ކުރަމުންނެވެ. އެފްއޭއެމް ކޮންޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް ޝާޙު އިސްމާޢީލް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި މުބާރާތް އަލިފުށީ ބޭއްވުމަށް ގިނަ މަސައްކަތްތެއް ކުރަމުންދާކަމަށެވެ. ޝާޙު ވިދާޅުވީ އެފްއޭއެމްގެ އެޑްވާސް ޓީމެއް އަލިފުޓަށް ގޮސް، އަލިފުށީގައި ހާލަތު ރަގަނޅަށް ދެނެގަނެ، އަލިފުށީގައި އިތުރަށް ކުރަންހުރި މަސައްކަތްތަށް ބަލާ، މިހާރުވަނީ އިންސްޕެކްޝަން ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އަދި މިކަންވަނީ ޔޫތު މިނިސްޓްރީ އާއި އަލިފުށީ ކައުންސިލާއެކުވެސް ހިއްސާކޮށްފަކަމަށް ޝާހު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ހުށައެޅި ރިޕޯޓާއި އެއްގޮތަށް ކުރަން ހުރި މަސައްކަތްތަށް، އެއީ ޗޭޖިން ރޫމުގެ ބައެއް މަސައްކަތްތައް އެބަހުރި، ދަނޑުގެ ވީއާއިޕީއާއި ވީވީއައިޕީއަށް ގެންނަން ޖެހޭ ބަދަލްތަކާއި ދަނޑުގެ ސަރަހައްދަށް ބައެއް ކަހަލަ ބަދަލްތައް ގެނައުންވެސް ހިމެނޭ. އެމަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ. އެކޮމޮޑޭޝަނަކީވެސް ކޮންމެވެސް ވަރެއްގެ ޗެލެންޖަކަށް ނިކުންނަ ކަމަކަށްވާތީ އެކަމަށްވެސް މިހާރު ދަނީ މަސައްކަތް ކުރަމުން. އަދި މިމަސައްކަތް ކުރިއަށްދަނީ ވަރަށް ބޮޑަށް ޔޫތު މިނިސްޓްރީ އާއި އަލިފުށީ ކައުންސިލް ގުޅިގެން." ޝާހު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ރ.އަތޮޅު އަލިފުށީގައި ކުޅުމަށް މަސައްކަތް ކުރަމުންދާއިރު، ފައިނަލް މެޗުން ޖާގަ ހޯދުމަށް ކުލަބް ވެލެންސިޔާ، ގްރީން އަދި މާޒިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.