ޚަބަރު

މޭރީގެ މަރު: ލަމްހާގެ ބަންދަށް އިތުރު 10 ދުވަސް

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޅ.ހިންނަވަރު މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ދީފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސް ނަމަކަށްކިޔާ ފިލިޕީންސަށް ނިސްބަތްވާ ނަރުސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރުވުމާއި ގުޅިގެން އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިންއެވެ. އަދި މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ލަމްހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 16ވަނަ ދުވަހުގައެވެ. މިއީއޭނާގެ ބަންދުގެ މުއްދަތު ޖެހި 3 ވަނަ ފަހަރެވެ. މީގެ ކުރިން ލަމްހާގެ ބައްދަށް 15 ދުވަސް ދީފައި ވީނަމަވެސް މިފަހަރު ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ 10 ދުވަހަށެވެ.

މެރީގެ މަރުގެ މައްސަލާގައި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ނަރުސް ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވަނީ 3 ދަޢުވާއެއް އުފުލާފައެވެ. އެނާގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއާޢި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ހަލީމަތުގެ މައްޗަށް އުފުލާފައިވާ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީ، މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެެރިވެ އެ އަމަލު ހިންގުމަށް މާވިންނަށް މަގުފަހިކޮށްދީފައިވާތީއެވެ.

ހަލީމަތު ލަމްހާގެ މައްޗަށް ކުރާ އަނެއް ދެ ދަޢުވާގައި ވަނީ އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން އައިޖީއެމްއެޗްގެ ހުއްދައަކާ ނުލާ އެ ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ އިންޖެކްޝަންތަކެއް ފެނިފައިވާކަމަށެވެ. އަދި ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ ބޭސްތަކެއްވެސް ލަމްހާގެ ކޮޓަރިން ފެނިފައިވާކަމަށްވެސް އެ ދައުވާގައިވެއެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން 6 އަހަރާއި 5 މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.