ޚަބަރު

އައު ޚިދުމަތްތަކާއެކު ސިއްޙީ ދާއިރާއަށް އަންނަ ކުރިއެރުންތ އެބަފެނޭ : ނާއިބު ރައީސް


އަތޮޅުތަކުގައި ސިއްޙީ ދާއިރާއިން އަލަށް ފަށަމުން އަންނަ ޚިދުމަތްތަކާއެކު، ސަރުކާރުން މިދާއިރާއިން ހޯދަން ބޭނުންވާ ކުރިއެރުންތައް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ސީޓީ ސްކޭންގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތާއި އޯޕީޖީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމްގެ ދަށުން ވިހާވެސް ފަސޭހަ އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އެއީ ހަމައެކަނި ކައުންސިލްތަކަށް، އެ ދައުރު ޤާނޫނުން ދިނުމުގެ އިތުރުން ސިއްޙީ ދާއިރާފަދަ ރައްޔިތުންނަށް އެންމެ ގުޅުންހުރި ދާއިރާތަކުން ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ އިންތިޒާމްވެސް ފަހިކޮށްދިނުންކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ޤާއިމްކުރުން ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެބައެއްގެ ރަށުގައި އާއިލާއާއެކު ދިރިއުޅެނޭވެ ގޮތް ތަނަވަސްކޮށްދިނުން ކަމަށެވެ. ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭކަން ފާހަގަކުރައްވައި ނާއިބު ރައީސް ވަނީ ފާއިތުވި 3 އަހަރު ސިއްހީ ދާއިރާއިން ގިނަ މަސައްކަތަތަކެއްކޮށްދެވި ގިނަ ކުރިއެރުންތަކެއް ގެނެވިއްޖެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ ޚިދުމަތްތަކެއް އެކި ސަރަހައްދުތަކުގައި ފެށިގެން ދާނެކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާއަށް ގެނައި ކުރިއެރުންތަކުގެ ތެރެއިން މާލެ ފިޔަވާ އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމުގެ ސަބަބުން ރައްޔިތުން މީގެ ކުރިން ބޮޑު ޚަރަދެއްކޮށްގެން އުފުލި ތަކުލީފްތަކަށް ނިމުމެއް އައިސްފައިވާކަަމަށް ވިދާޅުވިއެވެ. ނާއިބު ރައީސް ވަނީ އަތޮޅުތެރޭގައި ޤާއިމްކުރި ސީޓީ ސްކޭންގެ ޚިދުމަތް ފާއިތުވި 3 އަހަރުގެ ތެރޭގައި 3000 މީހުން ހޯދާފައިވާކަަމށް ވިދާޅުވެފައެވެ.

"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއވްިއްޔާ އަޅުގަނޑުމެންނަށް މުސަތަގްބަލް ފެންނަނީ ވަރަށް އުޖާލަށްކޮށޭ. ރައްޔިތަކަށް އެންމެ ބޭނުންވާނޭ ކަންމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުން. އެގޮތަށް މަގުފަހިކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަކުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށް ގޮސް އެތަނުން ޚިދުމަތް ލިބިގެންދާއިރު އަދި މިއަށްވުރެ ފުރިހަމަކަން މުޅި ސަރަހައްދަށް ލިބިގެންދާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ނަފްރަތު އުފެއްދުމާއި ދެކޮޅުވެރިކަން އުފެދުމަށް މަސައްކަތްކުރާ މިހުންނަށް ޖާގަ ނުދިނުމަށް ގޮވާލެއްވިއެވެ. އޭގެ ބަދަލުގައި ބަލަންވީ އަތޮޅާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ބަލައި އެކަންކަން ކުރުމަށް އިސްކަން ދިނުމަށްކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

އުނގޫފާރު ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއް ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތާއި އޯޕީޖީގެ ޚިދުމަތުގެ އިތުރުން، އިތުރު ޚިދުމަތްތަކެއް ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ފަށާފައިވާކަމަށެވެ. އޭގެތެރޭގައި އީއެންޓީ ޑިޕާޓްމަންޓުގެ ޚިދުމަތާއި، ލޮލުގެ ބަލިތަކުގެ ޑިޕާޓްމަންޓްގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

"މިސަރުކާރުން އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ޓާޝަރީ ފަސް ހޮސްޕިޓަލެއް ޢިމާރާތްކުރުަމށް ނިންމާ އެތަންތަނުގެ ތެރޭގައި މި ހޮސްޕިޓަލް ހިމެނިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަ ޖެހުމެއް. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު ޝުކުރު އަދާކުރަން." ނައިބު ރައީސް ވިދާޅުވިއެވެ.

އުނގޫފާރު ހޮސްޕިޓަކުގައިު އަލަށް ފެށި ސީޓީ ސްކޭންގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތާއި އޯޕީޖީގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ބައްލަވާލައްވާފައެވެ.