ޚަބަރު

އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތު އިތުރުކުރަން މަޝްވަރާކޮށްފި


އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއާއެކު ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް ޝާހީން އިޤްބާލް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ބަންޑާރަކޮށީގައި އޮތް މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ދެޤައުމުގެ ދެމެދުގައިވާ ގާތް، ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމު ހިމެނޭ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިފާޢީ އަދި ސަލާމަތީ ރޮނގުން، އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމްއެންޑީއެފްއާއި ބަންގްލަދޭޝް ނޭވީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްކަމުގައި ހުންނަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. މިކަމުން ދޭހަކޮށްދެނީ ދެޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ އިންޓަރނޭޝަނަލް ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން ސިޔާސަތުގެ ހަރުދަނާކަންވެސް މިކަމުން ރަމްޒުކޮށްދޭކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިބައްދަލުވުމަށްފަހު، މިނިސްޓަރ މާރިޔާ ވަނީ، އެޑްމިރަލް ޝާހީންގެ އަނބިކަނބަލުން އަދި ބަންގްލަދޭޝް ނޭވީ ފެމިލީ ވެލްފެއަރ އެސޯސިއޭޝަންގެ ރައީސާ މުނީރާ ރައުޝަން އަޚްތަރާ ފޯނުން ވާހަކަފުޅުދައްކަވައި، އެކަމަނާއަށް ހެޔޮ އެދުންތައް ރައްދުކުރައްވައި، ރާއްޖެ ޒިޔާރަތްކުރެއްވީތީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.