ޚަބަރު

ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ


އދ.މަންދޫ ކައިރިން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފިއެވެ.

ގެއްލިފައިވަނީ އދ.މަންދޫ ކައިރި ފަރަކަށް ޑައިވްކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިންއަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ.

އެމްއެންޑީއެފުން ވިދަޅުވީ އެމީހާ ގެއްލުނުކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 15:55 ގައިކަމަށެވެ. މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ. ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިއަދު އެ ސަރަޙައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަޙައްދު ވަނީ ބަލާފައެވެ.

އަދި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން އިތުރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދަޅުވެއެވެ.