ޚަބަރު

ބަންދަށްފަހު ދަރިވަރުން ސްކޫލަށް، ކޯވިޑާމެދު ސަމާލުވޭ!

މާދަމާއަކީ 2021ވަނަ އަހަރުދެ ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށޭ ދުވަހެވެ. ދަރިވަރުން ސްކޫލަށް ނުކުމެ އަނެއްކާވެސް ކިޔެވުމާ ކުރިމަތިލާން ޖެހިފައިމިވަނީ ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޚާއްސަގޮތެއްގައި މާލެ ސަރަޙައްދުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިއާއެކު އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނައިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ބެލެނިވެރިންނާއި އެންމެންގެވެސް ޒިންމައަކަށް ހަދަންޖެހެއެވެ.

ކޯވިޑްގެ ދަތި ހާލަތުގައި ދަރިވަރުން ސްކޫލްއަށް ނުފޮނުވައި ގޭގައި ބައިތިއްބައިގެން ކިޔަވައިދޭންޖެހުނު ދުވަސްތައް ހަނދާން ނެތޭނެހެނެއް ހިޔެއް ނުވެއެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރަށް މުދައްރިސުން އުފުލަންޖެހުނު ތަކުލީފު ހަނދާނެއް ނުނެތޭނެއެވެ. އެހާލުގައި ގާތްގަޑަކަށް ދޮޅުއަހަރުދުވަސް ހޭދަކުރުމަށްފަހު ދަރިވަރުން ސްކޫލްއަށް ދަން ފެށީ ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެ ޔަޤީންކަން ދިނުމުންނެވެ. މަޑުމަޑުން ކޯވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދަން ފެށިއެވެ.

އެހެންނަމަވެސް އަނެއްކާވެސް މިވަނީ ހާލަތު ބަދަލުވާން ފަށާފައެވެ. ކޯވިޑްގެ ކޭސްތައް އިތުރުވެ، އިތުރު ބިރުވެރިކަމަކާ މިވަނީ ކުރިމަތިލާންޖެހިފައެވެ. މިއާއެކު ސްކޫލްތަކުގައި އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން މިވަނީ އަންގާފައެވެ.

މިގޮތުން މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ހަފްތާއަކު ދެދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުމާއި ސެޝަންތައް ކުރުކުރުމަށް މިވަނީ އަންގާފައެވެ. އަދި މި ދަނޑިވަޅުގައި އިތުރު ހަރަކާތްތަކާއި އެއްވެގެން ކުރާ ކަންތައްތައް ކުރިއަށް ނުގެންދިޔުމާއި ކްލާސްރޫމްތަކުގައި 3 ފޫޓް ދުރުމިން ބަހައްޓައިގެން ކިޔަވއިދިނުމުގެ އިތުރުން އަތްދޮވެވޭނެ އިންތިޒާމްތަކާއި ހުންބެލުމާއި ސެނިޓައިޒް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އަނެއްކާވެސް މިވަނީ އަންގަވާފައެވެ. މިއީ ދަރިވަރުންގެ ހައްޤުގައި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކެވެ. އަނެއްކާވެސް އިހުގެ ހާލަތަށް ނުދިއުމަށް ކުރެވޭ މަސައްކަތްތަކެވެ.

ސްކޫލްތަކުގައި މިފަދަ ފިޔަވަޅުތައް އަޅާފައި ހުއްޓަސް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންވެސް ސަމާލުކަންދޭންވީ ކަންކަން ގިނައެވެ. މިގޮތުން މުދައްރިސުންނާއި ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގައި އަބަދުވެސް މާސްކް އެޅުމާއި ސާފުތާހިރުކަމަށް ސަމާލުވާންވާނެއެވެ. އަދި އެއްވެސްކަހަލަ ބަލީގެ އަލާމާތެއް ހުރެއްޖެނަމަ ސްކޫލްއަށް ނުގޮސް އެކަހެރިވުން މުހިއްމެވެ. ދަރިންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެ ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއަކަށް ހަދަންޖެހެއެވެ. އަދި ބަލި ހާލަތުގައި ބެލެނިވެރިންވެސް ސްކޫލްދޮށައް ދަރިވަރުން ބަލާ ދިއުމަކީ މިދަނޑިވަޅުގައި ރައްކާތެރިކަމެއް ނޫނެވެ. ދަރިވަރުންނާއި އެންމެ ކައިރިން މަސައްކަތް ކުރާނެ މުދައްރިސުންވެސް ޗުއްޓީ ނިންމައި މާދަމާ ސްކޫލްއަށް ހާޒިރުވާއިރު މިކަންކަމަށް ވިސްނުމަކީ މުހިއްމުކަމެކެވެ. ޚާއްސަގޮތެއްގައި ކަރަންޓިންވާންޖެހޭ މުއްދަތަށް ކަރަންޓީނުވެ ސްކޫލްއަސް ނުކުތުމަށް ހަނދުމަފުޅު ބަހައްޓަވާށެވެ.

ސްކޫލްތައް ބަންދުނުކޮށް ދަރިވަރުންގެ ސަލާމަތް ކަށަވަރުކުރެވޭނީ އެންމެންގެވެސް އެއްބާރުލުން ލިބިގެންނެވެ. އޭރުވެސް ސްކޫލްތެރެއިން ދަރިވަރުން ބައްޔަށް ހުށަނޭޅުނީ ހަމަ މި ފިޔަވަޅުތަކާއި އެއްމެންގެ ކިޔަމަންތެރިކަމާއެކުގައެވެ. އެހެންކަމުން ދަރިވަރުންގެ ކިޔެވުން ހުއްޓުނަނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކުން އެކުލަވަލާފައިވާ އުޞޫލްތަކަށް އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.