ޚަބަރު

ކޮމަންޑޫގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ ދަނޑެއް އެޅުމުގެ ޢަމަލީ މަސައްކަތް


ށ.ކޮމަންޑޫގައި ފުރަތަމަ ފަހަރަށް ފުޓުބޯޅަ ދަނޑެއް އެޅުމުގެ ޢަމަލީ މަސަކަތް ފަށައިފިއެވެ.

މިމަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހުލޫފް ފައްޓަވައިދެއްވައިފިއެވެ.

ކޮމަންޑޫގައި ހަދާ ފުޓުބޯޅަ ދަނޑަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ށ.ކޮމަންޑޫ ފުޓުބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތުގެ ފެށުން އިފްތިތާޙުކޮށްދެއްވުމަށް، ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފުވަނީ ދަނޑު ހަދާ ސަރަޙައްދުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޅިން އަލަށް ފަށާ މި މަސައްކަތުގައި ހިމެނެނީ ކޮމަންޑޫގައި ފުޓުބޯޅަ ދަނޑު ހެދުމަށް ސަބް ބޭސް އެޅުމާއި، ޓަރފް އެޅުމުގެ މަސައްކަތެވެ.

ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފް ވިދާޅުވީ މިއީ ފެންނަ ފެނުމަށް ކުޑަ މަސައްކަތެއް ނަމަވެސް، މިއީ ދަނޑެއްގެ އިންތިޒާރުގައި ތިބި ރަށެއްގެ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ބޮޑެތި ޓަރފް ދަނޑުތައް ރަށްރަށުގައި ހަދަން ފެށީ މި ސަރުކާރުން ކަމަށާއި، މިހާތަނަށްވެސް 25ދަނޑު ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ބިން ކުޑަ، މަގުތައް ކުދި ރަށެއް. ފުޓުބޯޅާފަދަ ކުޅިވަރެއް ކުޅެލާނެ ޖާގައެއް ނެތް. މިއީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް އުފާވެރި ދުވަހެއް. އަދި ކުޅިވަރުގެ ދާއިރާއަށް މީހުން ބިނާކުރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެއް." މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް މުޙައްމަދު ސިނާން ވިދާޅުވީ ރަށުގެ މަގުތައް ހަނިވުމާ، ކުދިން ކުޅެލާނެ ސަރަޙައްދެއް ނެތި އިޖުތިމާއީ އުފާތަކުން ކުޑަކުދިންނާ ރަށުގެ ރައްޔިތުން މަހުރޫމުވެފައިވާކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދަނޑުގެ މަސައްކަތް ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ. އަދި އެމްޓީސީސީސީގެ އިޖްތިމާއީ ޒިންމާގެދަށުން، ރަށްރަށުގެ ރައްޔިތުން ބޭނުންވެފައި ތިބި ގިނަ މަސައްކަތްތަކެއް ކޮށްދެމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

"މިހާރު މަސައްކަތްތަކަށް ވައުދުވެ ނުފަށާ ލަހެއް ނުކުރެ. މަސައްކަތް ހަވާލުކުރަނީ އެޔަށް ފައިސާ ހަމަޖައްސާ ކަންކަން ރާވާފައި. ޕްރޮޖެކްޓްތައް ކަނޑައަޅާ މުއްދަތުގައި ދަނީ ނިންމަމުން." އާޒިމް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑެއްގެ އިތުރުން ކޮމަންޑޫގައި ޖިމެއް ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް ބިލިއަރޑް ކުޅެވޭ ތަނެއް ހަދައިދިނުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ޔޫތު މިނިސްޓަރ ވިދާޅުވިއެވެ.