ވިޔަފާރި

އިންޑިިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤްބޫލުކަން ހޯދަނީ


އިންޑިިއާގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލުކަން ހޯދަމުން އަންނަ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސްގައިވާ އާރޓިކަލްއެއްގައިވާ ގޮތުން އިންޑިއާ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށްދާ އަދަދު ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ވަނީ 10.7 އިންސައްތަ އަށް އިތުރުވެފައެވެ. އަދި އައު މަންޒިލްތަކަށް ޗުއްޓީ ހޭދަކުރުމަށް ދިއުން އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ޓްރެންޑަކަށް ވެފައިވާއިރު، އެންމެ ކަމުދާ އައު މަންޒިލްތަކަކީ ސީޝެލްސް، ދިވެހިރާއްޖެ، ވިއެޓްނާމް، ފިންލޭންޑް، ނޯވޭ، ސައިޕްރަސް، ލެޓްވިއާ، ރޯމޭނިއާ އަދި އާރޖެންޓީނާއެވެ.

އަދި އާއްމު ކޮށް މިފަދަ ކޮންމެ ދަތުރެއްގައިވެސް އެވްރެޖް ކޮށް 50,000 ރުޕީސް އާއި 60,000 ރުޕީސް އާއި ދެމެދުގެ އަދަދަކަށް އިންޑިއާގެ ފަތުރުވެރިން ޚަރަދު ކުރާކަމަށް އެ އާޓިކަލްގައިވެއެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 44,000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 39,000 ފަތުރުވެރިންނާއި އަޅައި ބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.