ޚަބަރު

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ސެޕްޓެމްބަރުމަހަށް ނިމޭނެ

ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ކުރިން، ނިންމާލެވޭނެކަމަށް މިމަސައްކަތާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ.

މިމަޝްރޫޢުގެ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، މިމަސައްކަތަކީ ވަކި ކަމަކަށް އަމާޒުކޮށްގެން ކުރެވޭ ކަމަށް ވާހަކަ ދެއްކޭނެ ޖާގައެއް ނެތްކަމަށެވެ. މިއީ މީގެ އެތައް ދުވަހެއް ކުރިން އީއައިއޭގެ މަސައްކަތް ކުރެވި، ރަނގަޅު ޕްލޭންތަކާއި ފެށިގެންދާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބެއް އައުމަކުން ކުރާ މަސައްކަތް ހުއްޓާލާ ސަރުކާރަކަށް ވެގެން ނުވާނެ. މިސަރުކާރަށް ކޮންމެ ވަގުތަކީވެސް ވަރަށް މުހިންމު މަސައްކަތެއް. މި ޕްރޮޖެކްޓް އޮގަސްޓް ސެޕްޓެމްބަރުގެ ކުރިން ނިންމާލެވޭނެ. އީއައިގޭގެ މަސައްކަތް ވަނީ މީގެ މަހެއްހާ ދުވަހުގެ ކުރިން ނިމިފަ. ބިން ހިއްކާނީ ކުރިން ހިއްކި ގޮތަށް ބޭނުން ނުކުރެވޭ ގޮތަކަށް ނޫން. އަޅުގަނޑުމެން ފައިބައިރު ކޮމަންޑޫ ރައްޔިތުން އުފާވާރުގެ މަސައްކަތެއް ކޮށްފަ އަޅުގަނޑުމެން ފައިބާނީ." އާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫއަކީ ބިން ފުރިފައިވާ ރަށަކަށްވުމުން މީގެ ކުރިން އެރަށު ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. ނަމަވެސް އެރަށަށް އެކި ފަހަރު މަތިން ރާޅުއަރައި ހިއްކާފައިވާ ސަރަޙައްދަށް ވަނީ ގެއްލުންވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކޮމަންޑޫގައި މިހާރު ޤާއިމްކޮށްފައިވާ ތޮށި މަރާމާތުކޮށް އެރަށުގެ ބިން ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދޭނީ އިތުރަށް ބިން ހިއްކައިގެން ކަމަށްވާތީ މަތި ކޮމަންޑުއިން ބައެއް ހިއްކައި ދެރަށް ގުޅާލުމަށް ސަރުކާރުން ނިންމީއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. މިމަހުގެ 7 ވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަވާނެކަމަށް ވިދާޅުވެފައެވެ.