ކުޅިވަރު

ބަންގްލަދޭޝާއި ދެކޮޅަށް ކުޅޭ މެޗްތައް ކުޅުން އަންނަ މަހުގައި


ބަންގްލަދޭޝާއި ދެކޮޅަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗްތައް މިއަންނަ މަހުގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިމެޗްތައް ހަމަޖެހިގެންދިޔައީ މިދިޔަ މަހުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓްއެއްގައި ބުނެފައިވަނީ ބަންގްލަދޭޝްއާއި ދެކޮޅަށް ޤައުމީ ވޮލީ ޓީމް ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 6 ކުން 12 އަށެވެ. އަދި މިމެޗްތައް ކުޅެން ބަންގްލަދޭޝްގެ ވޮލީ ޓީމް މާލެ އަންނާނެ ކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މޭޔަރު އަތީގުލް އިސްލާމް ދެއްވާފައިވާކަމަށް ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިދިޔަ މަހު ބަންގްލަދޭޝްގައިވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ކުރިއަށް ގެންގޮސްފައެވެ. އެމުބާރާތުގައި ރާއްޖޭގެ ޤައުމީ އަންހެން އަދި ފިރިހެން ޓީމުވަނީ ވާދަކޮށްފައެވެ. ގައުމީ ފިރިހެން ވޮލީ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދަނީ ކުރަމުންނެވެ. ޔޫތު މިނިސްޓަރގެ އެހީއާއެކު ލަންކާގެ ގައުމީ ވޮލީ ޓީމާއި އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްގެ ޓީމު ވަނީ މާލެ އައިސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ލަންކާ އާއި ދެކޮޅަށް ކުޅުނު ތިން މެޗުން ރާއްޖެ ބަލިވިނަމަވެސް، އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށް ކުޅުނު ތިން މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ޤައުމީ ފިރިހެން ޓީމް މިކުޅުނު 6 މެޗަކީ ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗްތަކެކެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށްފަހު މިއަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.