ޚަބަރު

ފައިނަލްގެ ފުރުޞަތު ހޯދުމަށް ވެލެންސިޔާ އިތުރު މެޗަކަށް!


ޕްރެޒިޑެންޓްސް ކަޕްގައި ކުލަބް ވެލެންސިޔާ އާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗް އެއްވަރު، މުބާރާތުގެ ފައިނަލުގެ ފުރުސަތު ހޯދުމަށް ކުލަބް ވެލެންސިޔާއަށް އިތުރަށް މަޑުކުރަން ޖެހިއްޖެއެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކުލަބް ވެލެންސިޔާއާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗް އެއްވަރުވެފައިވަނީ ދެ ލަނޑު ދެ ލަނޑުންނެވެ. ރޭގެ މެޗް އެއްވަރުވުމާއި ގުޅިގެން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފުރުސަތު ހޯދުމުގެ ރޭ މިހާރު މިވަނީ އިތުރަށް ފޯރިގަދަވެފައެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅެނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ޓީމްގެ މެދުގައި ލީގް ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ފައިނަލްގެ ރޭހުގައި މިހާރު ވާދަކުރަނީ މިވަގުތު ލީގްގެ 1 ވަނާގައި 16 ޕޮއިންޓްއާއެކު އޮތް ކުލަބް ވެލެންސިޔާ އާއި 2 ވަނާގައިވާ ގްރީން އަދި 3 ވަނާގައިވާ މާޒިޔާއަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ.

ގްރީންއަށް 2 ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގް ބުރުގެ ފަހު ހަފްތާގެ ކުޅުން މިއަންނަ އަންގާރަދުވަހު ފަށާއިރު، ގްރީން ނިކުންނާނީ އީގަލްސްއާއި ދެކޮޅަށެވެ. އަދި މާޒިޔާ ނިކުންނާނީ ކުލަބް ވެލެންސިޔާއާއި ދެކޮޅަށެވެ.

ރޭގެ މެޗްއަށް ކުލަބް ވެލެންސިޔާ ނިކުތީ ބައެއް ބަދަލްތަކާއެކުއެވެ. މެޗްގެ ފުރަތަމަ 2 މިނެޓްގެ ތެރޭގައި ކުލަބް ވެލެންސިޔާއިން ވަނީ ލަނޑެއްޖަހާ ލީޑް ނަގާފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިންއެވެ. މިލަނޑަށްފަހުވެސް ކުލަބް ވެލެންސިޔާއަށް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ.

ވެލެންސިޔާގެ އިސްމާއިލް ޒާން ފޮނުވާލި ބޯޅަ ވަނީ ކުލަބް އީގަލްސްގެ ކީޕަރު ތޯހާ މަތަކޮށްފައެވެ. ގޯލެއް ޖެހުމަށް ކުލަބް އީގަލްސްއިން ކުރަމުންދިޔަ މަސައްކަތް އެޓީމްއަށް ކާމިޔާބުވީ މެޗްގެ 15ވަނަ މިނެޓްގެ ތެރޭގައެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަސަންއެވެ. ކުލަބް އީގަލްސްއިން ލަނޑު ޖެހުމާއެކު އެޓީމްއަށް އިތުރު ހިއްވަރެއްލިބިވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްފައެވެ. އަދި ވެލެންސިޔާގެ ގޯލްއަށް ނުރައްކާތެރި ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ.

ކުލަބް އީގަލްސްއިން ކުރަމުންދިޔަ މަސައްކަތް އެޓީމްއަށް ކާމިޔާބުވީ މެޗްގެ 27ވަނަ މިނެޓްގައެވެ. މެޗްގައި ފުރަތަމަ ފަހަރަށް ކުލަބް އީގަލްސްއަށް ލީޑް ނަގާދިން ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ)އެވެ. މިލަނޑަކީ އީގަލްސްގެ ހަންނައަށް ކުލަބް ވެލެންސިޔާގެ ސަމްދޫހު ކުރި ފައުލްއަކާއި ގުޅިގެން ރެފްރީ ޝިފާން ދިން ފެނަލްޓީއެކެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުން ފެނިފައިވަނީ އެއްވަރެއްގެ ކުޅުމެކެވެ. ދެ ޓީމްއިންވެސް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ވެލެންސިޔާއިން ގޯލްއެއް ޖެހުމަށްވަނީ މެޗްގެ ދެވަނަ ހާފްގައި ތަޖްރިބާކާރު މިޑްފީލްޑަރު އިސްމާޢީލް އީސާ ވަނީ ކުޅެން އަރުވާފައެވެ. އިސްމާޢީލް އީސާއާއެކު ވެލެންސިޔާގެ އެޓޭކްތަށް ވަރުގަދަވެގެންދިޔައެވެ. އޭގެ ނަތީޖާއަކަށްވީ މެޗްގެ 56 ވަނަ މިނެޓްގައި އީސަ ވަނީ ލަނޑެއްޖަހާ ވެލެންސިޔާއަށް އެއްވަރުކޮށްދީފައެވެ.

މެޗް އެއްވަރުވުމާއެކު ދެ ޓީމްއަށްވެސް ގޯލް ޖެހުމަށް ހަމަހަމަ ފުރުސަތު ލިބިގެންދިޔައެވެ. އީގަލްސްގެ ރިޒޭ އާއި އަބްދުﷲ ޒިޔާން ފޮނުވާލި ބޯޅަވަނީ ކީޕަރު ޓޮޕްލަކް މަތަކޮށްފައެވެ. އަދި މެޗް ނިމެން 4ވަރަކަށް މިނެޓްއަށް ވެފައިވަނިކޮށް، އަލީ ފާސިރުއަށް ލިބުނު ހިލޭ ޖެހުން، އީގަލްސްގެ ކީޕަރު ތޯހާ ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ވެލެންސިޔާއިން ކުރިއަށް ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކީޕަރު ތޯހާ ފައުލް ކުރިކަމަށް ބުނެ ވެލެންސިޔާގެ ކުޅުންތެރިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. ނަމަވެސް ރެފްރީ ޝިފާންވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.