ޚަބަރު

"ބައިނަލްއަޤްވާމީ އިޤްތިޞާދީ ދުވެލި މަޑުވެ ނޭދެވޭ އަސަރު ކުރާނެ"


ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުވެ މިއަހަރު ކުދި އިޤްތިޞާދުތަކަށް ވަރަށްބޮޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އިޤްތިޞާދު 2021ވަނަ އަހަރު ހުރީ %5.5ގައެވެ. ނަމަވެސް މިއަހަރު އިޤްތިޞާދީ ދުވެލި %4.1އަށް ވެއްޓޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ. މިކަން މިގޮތަށް ދިމާވީ، ކޯވިޑު ފެތުރުމުގެ ފުރުސަތު އިތުރުވުމާއި ދުނިޔޭގެ ޤައުމުތަކުން ދޭ އެހީތެރިކަން ދައްވެގެން ދިއުމުގެ އިތުރުން، އިޤްތިޞާދީ ޙަރަކާތްތައް އަނެއްކާވެސް ދަށްވެގެން ދިއުމުގެ ސަބަބުންކަމަށް ވޯލްޑް ބޭންކުން ޤަބޫލު ކުރެއެވެ.

މިކަމާ ގުޅޭގޮތުން ބީބީސީއާ ވާހަކަ ދައްކަވަމުން އެ ބޭންކުގެ ރައީސް ވިދާޅުވީ، މިކަމުގެ އެންމެ ބޮޑު އަސަރެއް ކުދި އިޤްތިޞާދުތަކަށް ކުރަނީ ހަމަހަމަކަން ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އިންފްލޭޝަން ތިރިކުރުމަށް އަޅާ ފިޔަވަޅުތަކާއެކު ޤައުމުތަކުގެ އިޤްތިޞާދު ވަރަށްބޮޑަށް ބަލިކަށިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއާއި ޖަޕާނާއި ޔޫރަޕުގެ އިޤްތިޞާދުތައް އަންނަ އަހަރުގެ ނިޔަލަށް މިކަމުން އަރައިގަންނާނެ ކަމަށް ވޯލްޑް ބޭންކުން ޤަބޫލު ކުރެއެވެ.

ބޮޑެތި ޤައުމުތަކުގެ އިޤްތިޞާދު ހިފެހެއްޓުމަށް ސްޓިމިއުލަސް ޕެކޭޖްތައް ތަޢާރަފުކުރި ނަމަވެސް، ކުދި ޤައުމުތަކަށް މިކަމުގެ ގެއްލުންވާ ކަމަށް ވޯލްޑްބޭކުން ބުނެއެވެ. އެގޮތުން ދެން މިޤައުމުތަކުން ދޫކުރާ އެހީތައް އަންނާނީ ބޮޑެތި އިންޓްރެސްޓް ރޭޓުތަކާއެކު ކަމަށާ، މިއީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންކަން ކަމަށް އެބޭންކުން ބުނެއެވެ. އަދި މިއީ ނިޒާމުގެ ތެރޭ ހަމަހަމަކަން ގެއްލިފައިވާލެއް ބޮޑުކަން ދައްކުވައިދޭ ކަމެއް ކަމަށް އެބޭންކުން ޤަބޫލު ކުރެއެވެ.

މިވަގުތު ބައިނަލްއަޤްވާމީ އިޤްތިޞާދަށް ބަލާއިރު އިންފްލޭޝަން ރޭޓު ހުރީވެސް ވަރަށް މަތީގައެވެ. އެގޮތުން 2008ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ ތަދުމަޑުކަމަށްވުރެ މިހާރު ރޭޓުތައް މަތިކަން ބައިނަލްއަޤްވާމީ އިދާރާތަކުން ފާހަގަ ކުރެއެވެ.