ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި އަލިމަސް ޔޫބީލްގެ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ތަޢުލީމު އުނގެނުމުގެ ޙަޤީޤީ މަޤްޞަދަކީ ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަދަލުވަމުންދާ މި ޒަމާނުގެ ދުނިޔޭގައި ފެންނަންހުރި ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސްކޫލަކަށް ލިބޭނޭ އެންމެ އަގުހުރި ކާމިޔާބީއަކީ މުޖުތަމައަށް ބޭނުންތެރި އަދި އަގުހުރި ދަރިވަރުންތަކެއް ބިނާކުރުން ކަމަށެވެ. މީގެ އިތުރުން، މުޖުތަމަޢުގައި ދިރިއުޅޭއިރު އަނެކުންނަށް އަޅާލާ، އޯގާތެރި ބަޔަކަށް ކުދިން ހެދުމަކީ މުޅި މުޖުތަމަޢާއި އަޅުގަނޑުމެން އެންމެންގެވެސް ބޮޑު ޒިންމާއެއް ކަމަށާއި، ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދޭން ޖެހޭނީ މިފަދަ ކަންކަމަށް އަހުލުވެރިކުރުވާނެފަދަ ވަށާޖެހޭ ގޮތެއްގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ތަޢުލީމު ހާސިލްކުރުމަކީ ހަމައެކަނި އިމްތިހާނަކުން ރަނގަޅު ނަތީޖާއެއް ހޯދުން ނޫންކަން ތިޔަ ދަރިވަރުން ދަންނަންވާނެ. ތަޢުލީމު އުނގެނުމުގެ ހަގީގީ ބޭނުމަކީ ޢިލްމުވެރި، ޒިންމާދާރު، އަމިއްލަ ނަފުސަށް އިތުބާރު، އެހެންމީހުންގެ އިހުސާސްތައް ދަންނަ އޯގާތެރި ފަރުދެއްގެ ގޮތުގައި ކުރިއަށްދިއުން. އެހެންވީމާ އަޅުގަނޑު ތަކުރާރުކޮށް ދަރިވަރުންނަށް އިލްތިމާސްކުރާނީ ތިޔަކުދިންގެ ހިތުގައި މުދައްރިސުންނަށާއި، މައިންބަފައިންނަށާއި، ރަށުގެ ވެރިންނަށާއި، އިސްރަށްވެހިންނަށް ލޯބިކުރުމުގެ އާދަތައް އަށަގެންނުވަންޖެހޭކަން." ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ހިތާދޫ ސްކޫލަކީ ހަމައެކަނި ދުވަސްވީ ސްކޫލެއް ނޫން ކަމަށާއި، މިއީ މެދުކެނޑުމެއްނެތި ކުރިއަރަމުން އަންނަ ސްކޫލެއް ކަމަށެވެ. އެގޮތުން މިހާތަނަށް މި ސްކޫލުގެ އިސްދަރިވަރުންގެ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، އެ ދަރިވަރުންނަކީ ދީނާއި ޤައުމަށް ނުހަނު ލޯބިކުރާ އަބްޠާލުންތަކެއްގެ ގޮތުގައި މިއަދު މުޅި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިބި ބައެއް ކަމަށެވެ.
ހިތާދޫ ސްކޫލުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަދު ފެންނަން މި އޮތް ކާމިޔާބީއަކީ އެކި ޖީލުތަކެއްގެ މީހުން ކޮށްފައިވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ. އަދި ސްކޫލުގެ އުމްރާނީ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތައް މިހާރު ފޯމިއުލޭޓް ކުރެވި ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ބ. ހިތާދޫ ސްކޫލަކީ 1951 ވަނަ އަހަރުގެ އެޕްރީލް މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ކިޔަވައިދޭން ފެށި ސްކޫލެކެވެ. އެކި ނަންނަމުން ޚިދުމަތް ދޭން ފެށި މި ސްކޫލުގައި ތަޢުލީމު އުނގަންނައިދެން ފެށިފައިވަނީ ހަމައެކަނި 200އެއްހާ ކުދިންނާއެކު، އެކި ތަންތަނުން މުދައްރިސުން ގެނެސްގެންނެވެ. އެހެންނަމަވެސް ސްކޫލު އިތުރަށް ތަރައްގީވެ، މިއަދު ހިތާދޫ ސްކޫލަކީ އެތައް މޮޅެތި ދަރިންނެއް އުފައްދަމުންދާ ސްކޫލެކެވެ.