ކުޅިވަރު

ރާއްޖޭގެ ބީޗް ވޮލީ އޮތީ ރަގަނޅު ލެވަލެއްގައި - ވިނީޝިއުސް


ރާއްޖޭގެ ބީޗް ވޮލީ އޮތީ ރަގަނޅު ލެވަލެއްގައިކަމަށާއި ނަމަވެސް އަދިވެސް ކުރަން ހުރި މަސައްކަތް ވަރަށް ގިނަކަމަށް ގައުމީ ބީޗް ވޮލީ ޓީމާއި އަލަށް ހަވާލުވި ބްރެޒިލްގެ ވިނީޝިއަސް މާޓިން ޖިއޯނީ ބުނެފިއެވެ. މިހަފްތާގައި މާލެއައި ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީއާއެކު އިއްޔެ ވަނީ ގައުމީ ބީޗް ވޮލީ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލެ ރެޑްބުލްޕާކް ބީޗްވޮލީ ކޯޓުގައި ކުރިއަށްދިޔަ މި ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއާގެ އިތުރުން އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)އެވެ. އަނިޔާގައި ހުރުމުގެ ސަބަބުން ޤައުމީ ބީޗްވޮލީބޯޅަ ސްކޮޑުގައި ތިބި ބައެއް ކުޅުންތެރިންނަށް ޓްރެއިނިންގައި ބައިވެރިނުވެވުނެވެ. ރާއްޖޭގެ ބީޗް ވޮލީ ޓީމަށް ކޯޗުކޮށްދޭން ލިބުނުން ވިނީޝިއުސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީއާއަކީ ބީޗް ވޮލީގައި ވަރަށް ތަޖްރިބާކާރު ކޯޗެކެވެ. އޭނާ ވަނީ ބްރެޒިލްގެ ޤައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީ ޓީމަށް ކޯޗްކޮށްދީފައެވެ. ފަރިތަކުންތަކަށްފަހު ވިނީޝިއުސްބުނީ އެންމެ މުހިންމުކަމަކީ ކޮންމެ ގަނޑިއެއްގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންދެވޭ ގޮތަށް ކަންތައްތައް ރޭވިފައި ހުރުންކަމަށާއި ހަމައެކަނި ކޯޓުމަތީގައި ކުރާ މަސައްކަތަކުން ކާމިޔާބީއެއް ނުލިބޭނެކަމަށާއި ކޯޓުން ބޭރުގައިވެސް ކާމިޔާބީ ހޯދަން ބޭނުންކަމުގައިވާނަމަ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް ތަޖްރިބާކަރު ކޯޗް ވިނީޝިއުސް ބުންޏެވެ.

"ހަމައެކަނި ޓްރެއިން ކޮށްގެނެއް ނޫން، ޖިމް ޓްރެއިނިން ވެސް މީގެ މުހިއްމުވާނެ. ވީޑިއޯ ދިރާސާކުރަން ވެސް ޖެހޭނެ. އެއީ ވެސް ކުރަން ޖެހޭނެ ކަމެއް. މިހާރު ރާއްޖޭގެ ބީޗް ވޮލީ އޮތް ލެވަލް އަހަންނަށް ކަމުދޭ، އެކަމަކު، ފުރަތަމަ ދުވަހުގެ ޓްރެއިނިން އަށް ފަހު ހުރިހާ ވާހަކައެއް ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއް ނުން. އެއީ އަހަރެން ގިނަ ދުވަހު ޓްރެއިން ކުރާ ވަރަކަށް ގިނަ ކަންކަން ފެންނާނީ. އަހަރެމެން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ." ވިނީޝިއުސް ބުންޏެވެ.

ވިނީޝިއުސް ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއް ވަނަ އަދި ދެ ވަނަ ހޯދައިދީފައެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ތިން ވަނަ ހޯދައިދިނެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފައެވެ.

ބީޗް ވޮލީ ޓީމު މިއަހަރު އެންމެ ފުރަތަމަ ކުޅޭ މުބާރާތަކީ މިއަންނަ މަހު ލަންކާގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތެވެ.