ޚަބަރު

މިދިޔަ 8 އަހަރުތެރެއިން މަސް އެކްސްޕޯޓްކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ އަހަރު!


ފާއިތުވި 8 އަހަރުގެ ތެރޭގައި މިފްކޯއިން އެންމެ ގިނަ އަދަދެއްގެ މަސް އެކްސްޕޯޓްކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ އަހަރުކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ވަކިން ޚާއްސަކޮށް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ކިރި މަހުގެ އަދަދު ވަރަށް ބޮޑަށް އިތުރުކަމަށް މިފްކޯއިން ބުނެއެވެ.

2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފިނިކުރި މަސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން 2021 ވަނަ އަހަރު 47،393 މެޓްރިކް ޓަނުގެ ފިނިކުރި މަސް ރާއްޖެއިން ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި 68،565،242 ޑޮލަރު ވަނީ ލިބިފައެވެ. މިއަދަދާއި އެންމެ ގާތްކުރާ އަދަދަކަށްވެސް މަސް އެކްސްޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެއިން 39،606 މެޓްރިކް ޓަނުގެ ފިނިކުރި މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި 58،171،265 ޑޮލަރު ލިބިފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވި 8 އަހަރުގެ ތެރޭގައި އެންމެ މަދުން ފިނިކުރި މަސް އެކްސްޕޯޓްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ ފިނިކުރި މަހުގެ އަދަދަކީ 19،690 މެޓްރިކް ޓަނެވެ. އެއީ އާމްދަނީން ބަލާނަމަ 32،311،411 ޑޮލަރެވެ.

ދަޅުގައި ބަންދުކުރި މަސްވެސް ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ތެރޭގައި އިތުރެވެ. 2018 ވަނަ އަހަރުގެ ފަހުން އެންމެ ގިނަ ދަޅުމަސް ރާއްޖެއިން އެކްސްޕޯޓްކުރީ މިދިޔަ އަހަރެވެ. އެގޮތުން 213،319 ދަޅުގެ މަސް މިދިޔަ އަހަރު ވަނީ ރާއްޖެއިން އެކްސްޕޯޓްކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި 7،202،866 ޑޮލަރު ވަނީ ލިބިފައެވެ. 2018 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 319،411 ދަޅު މަހެވެ. އެއީ 13،750،795 ޑޮލަރުގެ އާމްދަނީއެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޕައުޗްގައި ބަންދުކުރި މަސް އެއްވެސް ވަރަކަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައެއް ނުވެއެވެ. އަދި ފިޝް މީލްއަށް ބަލާއިރު 1152 މެޓްރިކް ޓަނުގެ ފިޝް މީލް ވަނީ އެކްސްޕޯޓްކޮށްފައެވެ.