ޚަބަރު

މިމަހުގެ މެދުތެރޭގައި ޢާއްމުންނަށް ބޫސްޓަރ ޑޯޒް ދޭން ފަށަނީ


ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ދިނުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންގެ ކޮވެކްސް ފެސިލިޓީގެ ދަށުން، ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،000ޑޯޒް ވެކްސިން ވަނީ ހަދިޔާކޮށްފައެވެ. މި ވެކްސިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ 3ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް، ޢާއްމުކޮށް ހުޅުވާލައިގެން ދިނުމަށެވެ.

މި ވެކްސިން ރާއްޖެއަށް ލިބިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. ކޮވެކްސްގެ ދަށުން ޖުމްލަ، 100،620 ވެކްސިން ޑޯޒް ރާއްޖެއަށްވަނީ ލިބިފައެވެ.

ނަމަވެސް ޢާއްމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދޭން ފެށިފައި ނުވަނީ، އެކަމަށް ބޭނުންވާ ސިރިންޖާ އެހެނިހެން ވަސީލަތްތައް ނެތުމުގެ ސަބަބުންކަމަށް އެޗްޕީއޭއިން މީގެކުރިން ވިދާޅުވެފައިވެއެވެ. ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖާއި އެހެނިހެން ސާމާނުގެ ދަތިކަން ދުނިޔޭގެ ގިނަ ޤައުމުތަކަކަށްވަނީ ކުރިމަތިވެފައެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ދެއްވަމުން ޑރ.ޝާހު މާހިރު ވިދާޅުވީ، އެކަމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނައުމުގެ މަގުމަތީގައިވާކަމަށާ، ވެކްސިން ދިނުން މިމަހު ފަށާނެކަމަށެވެ.

"ވެކްސިން ދިނުމަށް ބޭނުންވާ އެހެނިހެން ސާމާނު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލިބޭނެ. އަދި އެއާއެކު މަހުގެ މެދުތެރޭގައި ބޫސްޓަރ ޑޯޒް ދޭން ފަށާނަން." ޑރ.ޝާހު މާހިރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ބޫސްޓަރ ޑޯޒް ދެމުން އައިސްފައިވަނީ ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި ބަލީގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށެވެ. ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނީ، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒްތަކުންނެވެ.

މިހާތަނަށް 27،000އަށްވުރެ ގިނަ މީހުންނަށް ބޫސްޓަރ ޑޯޒް ދީފައިވެއެވެ.

ރާއްޖެއަކީ ކޯވިޑް ދިފާޢު ވެކްސިން އެންމެ ފުރަތަމަ ދޭންފެށި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިހާތަނަށް 396،000 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި ދެވަނަ ޑޯޒް 368،000މީހުން ޖަހާފައިވެއެވެ. ވެކްސިން ޖެހޭ މީހުންގެ އާބާދީގެ %80 މީހުން ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައެވެ.