ޚަބަރު

ރާއްޖޭގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރޭކަމުގެ އިންޒާރު ދީފި


ކޯވިޑް-19ގެ ވައިރަހުގެ އައު ވޭރިއަންޓެއްކަމަށްވާ އޮމިކްރޯން، ރާއްޖޭގައި ފެތުރެމުންދާކަން ކަށަވަރުކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެފައިވާތީ އެކަމާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ދިވެހިންގެ ތެރޭގައި އޮމިކްރޯން އުޅޭކަމަށް ކަށަވަރު ކުވެފައިވާކަމަށެވެ. މިގޮތުން މިހާތަނަށް އެ ވޭރިއަންޓް އުޅޭތޯ ބެލުމަށް ހެދި ޓެސްޓްތަކުން 8 ދިވެހިން އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާކަން ދެނެގަނެވިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އޮމިކްރޯންގެ 7 ކޭސް އިއްޔެ ލިބިފައިވާކަމަށާއި، އޭގެ ކުރީ ހަފްތާގައި 1 ކޭސް އޮމިކްރޯން ފެނިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މިކަމުން އެނގެނީ ދިވެހިންގެ ތެރޭގައި އޮމިކްރޯން ހަލުވިކަމާއެކު ފެތުރޭކަންކަމަށް ވިދާޅުވެ ޑރ.ނަޒްލާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ ކޭސްތައް ޑަބަލް ވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ޑރ.ނަޒްލާ ވިދާޅުވީ، މީގެކުރިން ފެތުރުނު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ކޭސްތައް ފެތުރޭ މިންވަރު ހަލުވިކަމަށާއި، އެގޮތުން ކޭސްތައް ވަރަށްއަވަހަށް ޑަބަލްވަމުން އަންނާނެކަމަށެވެ. މިގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަން އޮމިކްރޯން އުޅޭ ޤައުމުތަކުން ފާހަގަވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އިއްޔެ ލިބުނު ނަތީޖާގައި 7، އޭގެ ކުރިން އެކަކު އޮމިކްރޯންއަށް ޕޮއިޓިވްވެފަވަނީ. މީގެ މާނަކއަކީ އިތުރު ކޭސްތައް އުޅުމަކީ އެކަށީގެންވާކެއްކަމަށް. އެހެން ޤައުމުތަކަށް ބަލާއިރު އޮމިކްރޯން ވަރަށް ހަލުވިކޮށް ފެތުރޭ. އެގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަމަށް އޮމިކްރޯން އުޅޭ ޤައުމުތަކުން ފާހަގަވަނީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ޑެލްޓާގެ ގިނަ ކޭސްތައް ކުރިން ފެނުނީ މާލެއިންކަމަށާ، ނަމަވެސް އޮމިކްރޯންގެ ކޭސްތައް މިފަހަރު އަތޮޅުތެރެއިން ގިނައިން ފެނުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ސަބަބެއްކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވީ ވެކްސިން ފުރިހަމަކުރުމާއެކު ދަތުރުފަތުރުކުރުމަށް މިހާތަނަށް ދީފައި އޮތް ލުއިތަކެވެ. ޑރ.ނަޒްލާ ވިދާޅުވީ އޮމިކްރޯންގެ ގިނަ ކޭސްތަކެއް އަތޮޅުތަކުން ރިޕޯޓްކުރާނެކަމަށް ލަފާކުރެވޭއިރު، އިތުރު ވޭވްތައްވެސް އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެހެންކަމުން ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ފިޔަވަޅުތައް އެޅުމުގައި އިސްކަން ދެއްވަނީ ދަރިވަރުންގެ ކިޔެވުމަށް ހުރަސްނޭޅޭނެގޮތަށް ބަލި ކޮންޓްރޯލްކުރުމަށެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ މާލޭގެ އިތުރުން ކ.މާފުއްޓާއ ކުޑަހުވަދޫން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ. މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވެފައިވަނީ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުންކަމަށް ފާހަގަކުރައްވައި ޑރ.ޝާހް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން 19 ފަތުރުވެރިޔަކު ވެސް އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑްބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް މިހާރު ވަނީ ތަންފީޒްކުރަން ފަށާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓުތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި 50 މީހުންނަށްވުރެ މަދު މީހުން ހިމަނައިގެން ބާއްވާ މިފަދަ ހަރަކާތްތައްވެސް އެޗްޕީއޭގެ ގައިޑްލައިނާ މިންގަނޑުތަކާ އެއްގޮތައް ނޫނީ ނުބޭއްވުމަށް ވަނީ އަންގަވާފައެވެ.

މާލެ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީ ބާޒާރުފަދަ، އެއްވެގެން ބާއްވާ ވިޔަފާރި ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތައް، ކުޅިބަލަން މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށްވެސް ވަނީ އަންގަވާފައެވެ.

އެޗްޕީއޭއިން ވަނީ މިފިޔަވަޅުތައް ފުރިހަމައަށް ތަންފީޒްކުރުމަށް އެންމެހާ އިދާރާތަކާއި ފަރާތްތަކަށް އަންގަވާފައެވެ. މި ނިންމުންތަކާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކާ، އަދި އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލަށްވެސް ވަނީ ޢަމަލުކުރަން ފަށާފައެވެ.