ޚަބަރު

ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަޙައްދުގައި މީހުން ތޮއްޖެހުން ކުޑަކުރުމަށް ޖާގަ އިތުރުކުރަނީ


ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަހައްދުގައި މީހުން ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް އެސަރަހައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ. ހިޔާ ޓަވަރުތަކުގައި ބޭނުންކުރުމަށް ކޮންމެ ޓަވަރެއްގައި ޤާއިމްކޮށްފައިވަނީ 4 ލިފްޓެވެ. އަދި ލިފްޓް ހިމެނޭ ލޮބީ ސަރަހައްދަކީ ޖާގައިގެ ގޮތުން ހަނި ތަނެކެވެ. އެހެންކަމުން ޕީކް ގަޑިތަކުގައި އެތަނުގައި މީހުން ތޮއްޖެހި ގިނަ ދަތިތަކާއި އެ ޢިމާރާތުގައި ދިރިއުޅޭ މީހުންނަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ލިފްޓު ހުންނަ ލޮބީ ސަރަހައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އެސަރަހައްދުގައި ހުރި ބައެއް ފާރުތައް ތަޅާލައި ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ބައެއް ފްލެޓްތަކުގައި ވަނީ ފަށާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ޢާއްމުން މިހާރު ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ ކޮންމެ ފަންގިފިލާއެއްގައި 20 އެޕާޓްމަންޓް ހުރެއެވެ.