ކުޅިވަރު

މުހައްމަދު ރަޝީދު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި


ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޓަރުކަމަށްވާ މުހައްމަދު ރަޝީދު (ހޮކޭ) ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ. އުމުރުން 36 އަހަރުގެ މުހައްމަދު ރަޝީދުވަނީ އޭނާ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފައިވާކަން އޭނާގެ ފޭސްބުކްގައި ލިޔެ އެކަން ޔަގީންކޮށްދީފައެވެ. މުޙައްމަދު ރަޝީދުވަނީ ފުލްބެލް މަގާމުގެ އިތުރުން މިޑްފީލްޑަރަކަށްވެސް ކުޅެފައެވެ.

ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރުމުގެ ކުރިން މުޙައްމަދު ރަޝީދުވަނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެފައެވެ. ރިޓަޔާކުރުމަށްފަހު އަހުމަދު ރަޝީދު އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރަން ނިންމީ ވަރަށް ވިސްނުމަށްފަހުގައިކަމަށާއި ގައުމު ތަމްސީލް ކުރުމަށް ލިބުނު ފުރުސަތަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި ފުޓްބޯޅަ ކެރިއަރުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

މުހައްމަދު ރަޝީދު އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފަށާފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބްކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން 2010ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކުލަބްގައި މުޙައްމަދު ރަޝީދުވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި އޭނާވަނީ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއްދައްކާފައެވެ. ކުލަބް ވެލެންސިޔާ، މާޒިޔާ، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް އަދި ސަސްއަށް ވެސް މުޙައްމަދު ރަޝީދުވަނީ ކުޅެފައެވެ.

ޤައުމީ ފުޓްބޯޅަ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ވަނީ ޤައުމީ ޓީމަށް އެއް ގޯލު ޖަހައިދީފައެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލާ ދެކޮޅަށެވެ. މުހައްމަދު ރަޝީދަކީ ރާއްޖޭގައި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މުހައްމަދު ރަޝީދު އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރުއެވެ.